ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރާއި ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ޔާމީންގެ އިތުރުން މި މައްސަލައިގައި ކ.މާލެ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށް ވެސް ވަނީ ދައުވާތަކެއް އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
Results of hours of investigative work by @PoliceMv @ACC_Maldives & @PComCAR
Hard work of @PGO_MV staff. Biggest criminal charge in history of Maldives. We have a strong case in court. It’ll take time to build confidence in the system. Together, we shall do just that. #4future https://t.co/UhFGpupyBP
— Hussain Shameem (@HuShameem) June 28, 2020
މީގެއިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައެވެ.
އަދި މި މައްސަލައިގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަންއެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއްކަމަށާއި މިތަޙްޤީޤުގައި މަސައްކަތް ކޮށްދެއްވި އިންވެސްޓިގޭޓަރުން ކުރެއްވި މަސައްކަތުގެ އަގު، ޕީޖީ އޮފީހުން ވަޒަންކުރާކަމަށާއި ވަކިން ޚާއްޞަކޮށް، މިމަސައްކަތް މިހިސާބަށް ގެނައުމުގައި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ފަރާތުން މަސައްކަތް ކުރެއްވި، އެކޮމި ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ ޢާރިފް ރަޝީދުގެ ކުޅަދާނަ ތަޙްޤީޤީ މަސައްކަތް ފާހަގަކުރާކަމަށެވެ.
ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު، މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!