ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ހުށަހެޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީކަމަށް ފުލުހުން ބުނެފިއެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ފުލުހުންނަށް މައްސަލައެއް ހުށައެޅުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް (27އ) ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށްވަނީ ހުށަހެޅިފައިކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ އެދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ، 2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި ޖިންސީ ގޯނާކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ 2 މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީއެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި މައްސަލައާގައި އަނިޔާ ލިބުނުމީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ޚިލާފަށް، އަނިޔާލިބުނު މީހާގެ ފަރާތުން ދިން މަޢުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މަޢުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި ބުނެފައިވެއެވެ.
އަދި މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައިނުވާނެކަމަށާއި، މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށް، އޭނާގެ ފޮޓޯއާއި މަޢުލޫމާތު މީޑިއާތަކުން އިދިނުމަށް އެދިފައިވެއެވެ. މިމައްސަލައިގެ އަނިޔާލިބުނު ފަރާތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯރޓް ޑިޕާޓްމަންޓްގެ ފަރާތުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ނާޒުކު މައްސަލަތަކުގެ މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަޤީޤަތާ ޚިލާފަށް އަދި އަނިޔާލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މީސް މީޑިއާގައި މިފަދަ މަޢުލޫމާތު ދައުރުކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރުކަމާއެކު މަޢުލޫމަތު އާންމުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. މިމައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މި ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!