ކޯވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ދަމަހަށްޓާފައިވާ ލޮކްޑައުންގެ ހާލަތަށް މިއަދުން ފެށިގެން ނިމުން ގެނެސްފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އެ ޤައުމުގެ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައުމަށް ލަންކާ ރައީސް ގޮތާބޭ ރާޖަޕަކްސަ ނިންމާފައިވާ ކަމަށް ހާމަކުރީ ރައީސް އޮފީހުގެ މީޑިއާ ޑިވިޒަނުން މިއަދު ނެރުނު ކުރު ބަޔާނެއް މެދުވެރި ކުރަށްވައެވެ.
ކޯވިޑް-19 ލަންކާގައި ފެތުރެން ފެށުމުން އެ ޤައުމު ލޮކްޑައުންކުރީ މިދިއަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ. އެ ޤައުމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ހޯދަމުން ދިޔަ ކާމިޔާބީގެ ސަބަބުން ޖޫން 13 އިން ފެށިގެން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑުތަން ލުއިދީފައެވެ.
ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރިޗް މަހުމެދު ތެރޭ ބަންދު ކުރި އެ ޤައުމުގެ މައި އެއަރޕޯޓް، ބަންޑާރަ ނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ދަތުރުތަކަށް ހުޅުވާލަން އެ ޤައުމުން ނިންމާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ލަންކާ ސަރުކާރުން ބުނެފައި ވަނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޤައުމުން ބޭރުގައި ތާށިވެފައި ތިބި، ޤައުމަށް އަންނަން ބޭނުންވާ އެ ޤައުމުގެ ރައްޔިތުން ގެނައުމަށް ކަމަށެވެ. މިގޮތުން އަނބުރާ ލަންކާއަށް އަންނަން ބޭނުންވެފައި ތިބި 40 ހާސް މީހުންގެ ތެރެއިން އެ ޤައުމުން މިހާރު ވަނީ 12 ހާސް މީހުން އަނބުރާ ގެނެސްފައެވެ.
އެ ޤައުމުން މިހާތަނަށް އެ ބަލި ޖެހުނީ 2034 މީހުން ނަށެވެ. 11 މީހުން އެ ޤައުމުން މި ބަލީގައި މަރުވި އިރު ވޭތުވި 24 ގަޑި އިރުގެ ތެރޭ އަލަށް ޕޮޒިޓިވް އެއް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މުޅި ދުނިޔެއިން ފަސް ލައްކައަށް ވުރެ ގިނަ މީހުން މިބަލީގައި މަރުވެ، 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!