ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފިއެވެ.
މި މައްސަލަ މާދަމާ އޮތް އެކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާކަން އެކޮމެޓީގެ މެންބަރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޓްވިޓަރގައި ހާމަކުރައްވާފައެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން ޖީހާން ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ކޮމިޓީން ބަލާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
މާދަމާގެ ބައްދަލުވުމުގައި ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. ނަމަވެސް މުގައްރިރު ޖީހާންގެ ބަދަލުގައި ނައިބު މުގައްރިރު ޒިޔާދު މި މައްސަލައިގެ ކޮމިޓީގެ ރިިޔާސަތު ބަލަހައްޓަވަނީ ކީއްވެ ކަމެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ.
ރޭޕްގެ މި މައްސަލައިގައި ފުލުހުން ފުރަތަމަ ހައްޔަރުކުރީ 39 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. ނަމަވެސް އެމީހުން ހައްޔަރުގައި ބަހައްޓަންވީ ސަބަބެއް ނެތްކަމަށް ބުނެ އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އަދިވެސް ތަހުގީގުކުރަމުންނެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ބިދޭސީ އަންހެންމީހާ އަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުން ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
އެކަމަކު ފުލުހުން ބުނަނީ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ މިންވަރަކުން މައުލޫމާތު އާންމު ކުރަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!