ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ ފަތުރުވެރިކަން އަލުން ފަށާއިރު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީއިން މިގޮތަށް އިލްތިމާސްކުރީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ފޮނުއްވި ސަރކިއުލަރ އަކުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން އަލުން ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ އިޢުލާނު ކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން 15 ޖުލައި 2020 ގައި އަލުން ފަށައިގަންނައިރު، ފަތުރުވެރިކަމުގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޢަމަލުކުރަންޖެހޭ "ގައިޑްލައިން ފޮރ ރީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް" އާއި "މޯލްޑިވްސް ޓްރެވަލް އިންފޮރމޭޝަން" މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ ޝާއިޢުކޮށްފައެވެ.
މީގެ އިތުރުން މިނިސްޓްރީގެ ސަރކިއުލަރއެއް މެދުވެރިކޮށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށްވެސް "ގައިޑްލައިން ފޮރ ރީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް" އާއި "މޯލްޑިވްސް ޓްރެވަލް އިންފޮރމޭޝަން" އެ މިނިސްޓަރީއިން ވަނީ ފޮނުވާފައެވެ.
އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުން ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ވިދާޅުވެފައެވެ.
އަންނަ މަހުގެ 15 ގައި ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފައިވަނީ މިހާތަނަށް 10 އެއާލައިނަކުން ރާއްޖެ އަންނަން ނިންމާ، ސްލޮޓު ބުކް ކޮށްފައިވާ ކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި އެތައްސަތޭކަ ދިވެހިންނެއް ވަނީ ވަޒީފާއިން މަހުރޫމްވެފައެވެ. އަދި އެތައް ދިވެހިންނަކަށް ވަނީ ނޯޕޭއަށް ދާން މަޖުބޫރުވެފައެވެ. ރާއްޖޭގެ އެތަށް އާއިލާއެއް ބިކަވެފައި މިވާ ދަނޑިވަޅުގައި، އެ ޢާއިލާތަކުގެ އުންމީދާ ވަނީ ވަޒީފާއާއި، ކުރާ މަސައްކަތަށް އެކަށޭނަ އުޖޫރައެއް ލިބޭނެ ދުވަހަކާއި ވަރަށް ބޮޑަށް ގުޅިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!