އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު އެމް.ޑީ.އެން ގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސް ކުރުމަށް ގޮވާލާ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއިން ބަޔާނެއް ނެރެފިއެވެ.
އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެ އަދި އެކަމާއި ދެކޮޅަށް ރާއްޖޭގެ އެތަށް ރައްޔިތުންނަކާއި ކައުންސިލު ތަކަކުން އަޑު އުފުލުމުގެ ސަބަބުން 19 ޑިސެމްބަރ 2019 ވަނަ ދުވަހު ދިވެހި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ރ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެ ރިޕޯޓު ނެރުނު މަދަނީ ޖަމްޢިއްޔާކަމަށްވާ އެމް.ޑީ.އެން ވަނީ އުވާލާފައިކަމަށެވެ.
އެފަދަ ލާދީނީ ޖަމްޢިއްޔާއެއް އުވާލުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށާއި އަދި އެއީ އެކަމުން މުސްލިމުންނަށް ނުހަނު އުފާވެރިކަން ގެނެސްދިން ކަމެއްކަމަށް ބުނެފައިވެއެވެ. އެ ޖަމްޢިއްޔާ އުވާލުމަށް ގޮވާލި ކައުންސިލެއްގެ ހައިޘިއްޔަތުން އެކަމަށް މި ކައުންސިލުވެސް އުފާކުރާކަން ހާމަކުރަމުން ބުނެފައިވަނީ ހަމަ އެކަނި އެޖަމްޢިއްޔާގެ ނަން މަދަނީ ޖަމްޢިއްޔާތުގެ ދަފްތަރުން އުނިކޮށްފައި ފުއްދާލުމަކީ ރައްޔިތުން އެދޭ ގޮތެއްނޫންކަމަށެވެ.
އެއާއި ޚިލާފަށް އެ ރިޕޯޓު ލިޔުމުގައި ޝާމިލުވި އެންމެހައި ފަރާތްތަކާއި އެމް.ޑީ.އެން. ގެ އިސްވެރިން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބުދިނުމަކީ ލާޒިމުކަމެކެވެ. އެއީ ދިވެހިރާއްޖޭގެ ދީން ހިމާޔަތްކުރުމުގެ ޒިންމާގެ ދަށުން ކޮންމެހެއް ކުރަން ޖެހޭނެ ކަމެއްކަމަށް މި ކައުންސިލަށް ޤަބޫލުކުރެވެއެވެ.
އެކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމްދީނާއި މެދު ނަފްރަތްތެރިކުރުވުމަށް ދޮގުމަޢުލޫމާތު ފެތުރި، އެ ރިޕޯޓު ލިޔުނު އެންމެހައި ފަރާތްތަކަށް ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މާލެ އަތޮޅު ތުލުސްދޫ ރައްޔިތުންގެ ފަރާތުން އެކައުންސިލުން ގޮވާލާކަމަށް ބުނެފައިވާއިރު އެ ޖަމްޢިއްޔާގެ ޙަރަކާތްތައް ހުއްޓުވާލާ މަނާކުރިތާ ހަމަސް ދުވަސް ވާން ކައިރިވެފައިވާއިރުވެސް އެ ރިޕޯޓު ލިޔުން ފަރާތްތަކަށް ދަޢުވާ ކޮށްފައިނުވާ ކަމީ ތުލުސްދޫގެ ރައްޔިތުން ނުހަނު ކަންބޮޑުވެ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމެއްކަމަށް ބަޔާނުގައި ވެއެވެ.
އެހެނީ އެއީ މި ދިވެހި ފަސްގަނޑުގައި ބަޔަކަށް ހިންގޭނެ އެންމެ ބޮޑު އެއްޖަރީމާއެވެ. ﷲތަޢާލާ މި ދިވެހި ފަސްގަނޑު އަބަދުގެ އަބަދަށް އިސްލާމްކަންމަތީ ލަހައްޓަވާށި
އެބަޔާން ނިންމާލަމުން އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް އިއްޔެއާއި ހަމައަށް 100 އަށްވުރެ ގިނަ ކައުންސިލަކުންވަނީ ނޫސްބަޔާންނެރެ އެކަން ކުއްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!