ކޯވިޑް19 އާއި ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، ރިލީފް ލޯންގެ ގޮތުގައި މިހާތަނަށް ޖުމްލަ 482 މިލިއަނަށް ވުރެ ގިނަ ރުފިޔާ 1117 ފަރާތަކަށް ދޫކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 244 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ. މިއީ ފައިސާގެ ޖުމްލަ އަދަދުން ބަލާނަމަ 306 މިލިއަން ރުފިޔާ އަދި 5 މިލިއަން ޑޮލަރެވެ.
ބީއެމްއެލް މެދުވެރިކޮށް ލޯން ދޫކުރުމަށް ޖުމްލަ 307 ފަރާތަކަށް ހަމަޖެހިފައިވާއިރު، އިތުރު 38 ފަރާތެއްގެ އެޕްލިކޭޝަން އަދި ދަނީ ޕްރޮސެސް ކުރަމުންކަމަށް މަޢުލޫމތު ލިބެއެވެ. ޖުމްލަ 130 ފަރާތެއްގެ ލޯނަށް ޝަރުތު ހަމަނުވާ ނުވަތަ ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށްފައި ނުވެ އެވެ.
ބީއެމްއެލްގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 1356 ފަރާތަކަށް ލޯން ދޫކުރުމަށް އެޕްރޫވަލް ދީފައިވާއިރު، އޭގެ ތެރެއިން 873 ފަރާތަކަށް ޖުމްލަ 98.9 މިލިއަން ރުފިޔާ މިހާރު ވަނީ ދޫކުރެވިފަ އެވެ. އެއީ އަމިއްލަ 238 ފަރާތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 635 ފަރާތަކަށް ދޫކުރި ލޯންތަކެވެ.
އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ. ކުދި ވިޔަފާރިތަކަށާއި އާންމު ފަރުުދުންނަށް ލޯނު ދޫކުރަނީ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
މި ލޯނުތަކަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭއިރު މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!