ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި އެ ދެގައުމުގެ ސިފައިންގެ މެދުގައި ހޯމަ ދުވަހު ހިނގި ކުރިމަތި ލުމަށްފަހު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް އިތުރަށް ގޯސްވާން ފަށައިފިއެވެ.

އިންޑިއާ-ޗައިނާ ވަކިކުރާ އިމުގެ ގަލްވާން ވާދީ ސަރަހައްދުގައި ހޯމަދުވަހު ހިނގި ވަރުގަދަ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، އިތުރު 56 މީހުން ޒަޚަމްވެފައި ވެއެވެ.

Ad
rt

އިންޑިއާއިން ބުރާސްފަތި ދުވަހުވަނީ، ދެ ޤައުމުގެ ދެމެދު މަސްރަހް އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރުމަށާއި، އެކަމާއި ގުޅޭގޮތުން ފާޑުފާޑުގެ ވާހަކަތައް ނުދެއްކުމަށް ޗައިނާއަށް އިންޒާރުކޮށްފައެވެ.

އިންޑިއާއިން ބުނެފައި ވަނީ ހޯމަ ދުވަހުގެ ހާދިސާއަކީ ޗައިނާއިން ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި އެހާދިސާ ހިނގީ ބޯޑަރު މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނިކޮށެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ދެ ފަރާތުގެ މެދުގައި ތަޅާފޮޅުމަކަށް ދިޔައީ އިންޑިއާ ސިފައިން އެ ދުވަހު ދެ ފަހަރެއްގެ މަތިން ޗައިނާގެ ފަޅިއަށް ވަނުމުން ކަމަށް ބުނެފަ އެވެ. މި ކުރިމަތިލުމުގައި ޗައިނާ ސިފައިންގެ މީހުންނަށް ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް ޗައިނާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގީ ހަތިޔާރު ބޭނުންކޮށްގެނެއް ނޫނެވެ. އެކަން ހިނގީ ދެފަރާތުގެ ދެމެދުގައި ހިނގި ވަރުގަދަ ތަޅާފޮޅުންތަކެއްގެ ތެރެއިންނެވެ.

އިންޑިއާ ސިފައިންގެ 20 މީހުން މަރުވުމާއި، އެތައްބަޔަކު ޒަޚަމްވުމާ ގުޅިގެން އިންޑިއާގެ ބައެއް ހިސާބުތަކުގައި ޗައިނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްވެސް ދަނީކުރަމުންނެވެ. އެ ހާދިސާގައި މަރުވި އިންޑިއާގެ ބައެއް ސިފައިންގެ ޖަނާޒާތައް އަންގާރަ ދުވަހު ބޭއްވި އިރު ގިނަ އަދަދެއްގެ މީހުން ޖަނާޒާގައި ބައިވެރިވި އެވެ. އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއާ ގުޅުން ހުރި ބައެއް ޖަމާއަތްތަކުން ވަނީ ޗައިނާ ބޯއިކޮޓް ކުރުމަށާއި އެގައުމުގެ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމަށް ގޮވާލާލައިފައެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު ކުރިމަތިލުންތައް ހިނގި ސަރަހައްދަކީ އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު ދެ ފަރާތުންވެސް ދައުވާކުރާ ލަދާކް ސަރަހައްދެވެ. އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެއީ 1962 ވަނަ އަަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ޗައިނާއިން އިންޑިއާގެ ސިފައިންތަކެއް ހިފެހެއްޓި ފުރަތަމަ ފަހަރެވެ.