އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިތުރު "ކްލަސްޓާއެއް" ފެނިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ.

Ad
rt

ޝަމީމުގެ ވާހަކައިގައި ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީ ޙިޔާނާތުގައި ރާވާ އިސްކޮށް އުޅުއްވި ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ހައެއްކަ ފަރާތެއް ކަމަށެވެ. އަދި އެއީ މި ޙިޔާނާތުގައި ހިމެނޭ "ބޮޑެތި ކްލަސްޓަރ" ތަކުގެ ގޮތުގައި ޝަމީމް ވަނީ ސިފަ ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާކަން ފާހަގަ ކުރެއްވި އެވެ.

އިތުރު "ކްލަސްޓާއެއް" ގެ ގޮތުގައި ޝަމީމް ފާހަގަ ކުރެއްވި އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުންނެވެ. އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށާއި އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ ޙަޤީޤަތަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މި ހާދިސާ ހިނގާ މި ދިޔައީ ހަޤީޤަތުގައި ހަމައެކަނި މި ދެންނެވި 3 ބޭފުޅުންގެ ހުށިޔާރުކަމުންނެއް ނޫން، އެކަމުގައި އޭރު ދައުލަތް ހިންގުމުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނާއި، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ،

ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ "ކުދި ކްލަސްޓަރ" ތަކުގެ ތެރޭގައި ކުރީގެ ނައިބްރައީސް އަހުމަދު އަދީބާ ގުޅުންހުރި ފުލުހުންތަކެއް ހިމެނޭކަމަށްވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ބޮޑު ޚިޔާނާތުގެ މައްސަލާގައި 260 ނަމެއް ހިމެނޭ ލިސްޓެއް އޮތް ވާހަކަ މީޑިޔާތަކަށް ވަނީ މީގެ ކުރިން ތިލަވެފައެވެ. މިލިސްޓަށް އަލި އަޅުއްވާލައްވާ ޝަމީމް ވިދާޅުވީ އެލިސްޓުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުންވެސް ހިމެނިވަޑައިގެންފައިވާ ކަމަށްށެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނޭ. މި ދެންނެވީ ކޮންމެވެސް ވަރަކަށް ފައިސާ ލިބިފައި ހުރިކަން ތުހުމަތުވެގެން ނުވަތަ އެ ނޫންވެސް ސަބަބުތަކާ ހުރެ އެމީހުންގެ ނަން ލިސްޓަށް އަރާފައި އެބައޮތް. ދެން އަޅުގަނޑުމެންގެ ކަމަކީ އެ ލިސްޓު ސާފުކުރުން. އޭގެ ތެރޭގައި ރަނގަޅު މުއާމަލާތެއްތޯ ގޯސް މުއާމަލާތެއްތޯ، ކޮންކަމަކާ ގުޅިގެން ހޯދި ފައިސާއެއްތޯ، މި އެއްޗެހި ސާފުކޮށްގެން އެއަށް ގޮތެއް ނިންމުން.

ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އިތުރަށް ވިދާޅުވީ މިލިސްޓުގައި ހިމެނޭ އެންމެނަކީ އެމީހުންގެ މައްޗަށް ޖިނާއީ ދަޢުވާކުރަންޖެހޭނެ މީހުން ނޫން ކަމުގައެވެ. އެގޮތުން އެމްއެމްޕީއާރުސީއާއެކު ޞައްޙަ މުޢާމަލާތް ހިންގި މީހުން ވަކިކޮށް ދަޢުވާކުރާނީ ރަނގަޅު ނޫން މުޢާމަލާތެއް ހިންގާފައިވާ މީހުންގެ މައްޗަށް ކަމުގައި ޙުސައިން ވިދާޅުވިއެވެ.

ޕްރޮގުރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، ހެއްވާ މައްސަލައެއް ހިފައިގެން ކޯޓަށް ނުދާނެ ކަމަށެވެ. އެގޮތުން، ސާބިތުކުރެވޭ އަދި އެކަމުގައި ގޯހެއް އޮތްކަން ގަބޫލުކުރެވޭ ކަމުގައި ވާނަމަ، މިހާރުގެ މިނިސްޓަރަކަސް، މަޖިލިސް މެމްބަރަކަސް ދައުވާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ޕީޖީ ވިދާޅުވީ މިކަމުގައި ކުރީގެ ސަރުކާރުގެ ބަޔަކަށް ވިޔަސް އަދި މި ސަރުކާރުގެ ބަޔަކަށް ވިޔަސް އިސްތިސްނާ ކުރުމެއް ނޯންނާނެ ކަމަށާއި، ދައުވާ ކޯޓަށް ހުށަހެޅުމަށް ޖެހިލުން ނުވާނެ ކަމަށެވެ.

ޙުސައިން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ޚިޔާނަތް ރާއްވަވައި ހިންގެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތެވެ. ޙުސައިން މިފަދައިން ވިދާޅުވިއިރު ޒިޔަތާއި އަދީބު މިހާރުވެސް ތިއްބެވީ ގޭގައެވެ. އަދި އަދީބުވަނީ ޕީޖީއާއެކު އެއްބަސްވުމެއް ހައްދަވައި މައްސަލަތަކުގައި ހެކި ބަސްދެއްވަން ފައްޓަވާފައެވެ.