ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފާއި، ގުޅިގެން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގާފައިވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ. ޕޮޒިޓިވް ވެފައިވަނީ މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކެވެ.

Ad
rt

އެ މުވައްޒަފު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދިއިރު އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 29 މުވައްޒަފަކު ފާހަގަވިކަމަށާއި، ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 11 މީހަކު ފާހަގަވިކަމަށް މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މުވައްޒިފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އަދި ކޮންޓެކް ޓްރޭސިން ހެދުމާއި މަޖިލިސް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 2،137 ގައިއެވެ. މިހާތަނަށް 1،759 ބަލިން ރަނގަޅު ވެފައިވާއިރު، ފަރުވާގައި ތިބީ 368 މީހެކެވެ. މިހާތަަނަށް މަރުވީ އަށް މީހެކެވެ.