ސަރުކާރުން ހުށައެޅި ބިލުން މައުލޫމާތު ހޯދާ ލިބިގަތުމަށް އަސަރުކުރޭ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

transparency maldives

ރައްޔިތުން މަޖިލިހަށް ސަރުކާރުން ހުށަހަޅާ، މިހާރު ތަޅުމުގައި ބަހުސްކުރެވެމުންދާ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" އަކީ ޖުމްލަގޮތެއްގައި ވަރަށް ރަނގަޅަށް ފަރުމާކޮށްފައިވާ ބިލެއްކަމަށާއި އެހެންނަމަވެސް، މިބިލުގެ 41 ވަނަ މާއްދާގައިވާގޮތުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފާހަގަކޮށްފިއެވެ.

އެޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޖަމިއްޔާއިން ގަބޫލުކުރާގޮތުގައި ދައުލަތުގެ މުވައްޒަފުން މަދުވަގުތުކޮޅެއްގައި ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހުނު ނަމަވެސް، އާއްމުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭނެ ހާލަތަކަށް ދިޔައީ ކަމަކަށް ނުބެލެވޭނެކަމަށެވެ. އަދި މިހާރުގެ ހާލަތުގައިވެސް، މައުލޫމާތު އެއްކޮށް އާންމުންނަށް ފޯރުކޮށްދެވެންވާނެއެވެ. މީގެ އިތުރުން، ކޯވިޑް-19 އާ ސީދާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ނުވަތަ ޒަރޫރީ ހިދުމަތްތައް ދެމުންދާ ދައުލަތުގެ އިދާރާތައް މިވަގުތުވެސް ތިބޭނީ އެއިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ހާލަތެއްގައި ކަމަށްވެސް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި، ދައުލަތުގެ މުވައްޒިފަކަށް އެމައުލޫމާތު ދޭން ދަތިވެއްޖެނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ގާނޫނުގެ ދަށުން އިތުރު 14 ދުވަސް އެ ފަރާތަކަށް ނެގުމުގެ ފުރުސަތުވެސް ލިއްބައިދީފައިވއެވެ. އެހެންކަމުން، ވަކި މުއްދަތެއްގައި ކުރުން ލާޒިމުކުރާ ހުރިހާކަމެއް ހިމެނޭހެން އެކަންކަން ފަސްކުރަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގައި އޮތުން މުހިއްމުކަމަކަށް ނުފެނެއެވެ.

މިގާނޫނުގައި އެހެން ގޮތަކަށް ބަޔާންކިށްފައިނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެގާނޫނެއް ހުނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، މިގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ކަމުގައިވާނަމަ، އެކަންކުރުމަށް އެގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރން، މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ."

"އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" ގެ 41 ވަނަ މާއްދާގެ (ހ) ގައި ވަނީ މި ގޮތަށެވެ.

މިމާއްދާގެ އެއް ނަތީޖާއަކީ މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ޖެހުން އާންމު ސިއްހަތުގެ ނުރައްކާ އިއުލާނުކުރެވިފައިވާ މުއްދަތުގައާއި އެހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ
ތާރީހާ ހަމައަށް މެދުކެނޑުމެވެ. މިހެންވުމުން މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގު މިމުއްދަތުގައި ދިވެހިރާއްޖޭގައި ހުއްޓި ރައްޔިތުންގެ މިހައްގަށް ވަރަށްބޮޑެތި އަސަރުކުރާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަމާލުކަމަށް ގެންނަކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހާމަކަން ދަށްވާނަމަ މިބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާނެއެވެ. ވުމާއެކު، މިފަދަ ކުއްލި ހާލަތެއްގައި މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް މި ނޫސްބަޔާނުގައި ބުނެފައިވަނީ މިހާލަތުގައި މަދު ވަސީލަތްތަކާ އެކުގައި އަދި މަދު ވަގުތުތަކެއްގައި ދައުލަތުގެ އިދާރާތަކުން މަސައްކަތްކުރަމުން ދިޔަނަމަވެސް، ރައްޔިތުން، އަދި ހާއްސަކޮށް ނޫސްވެރިން، އެދޭ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް އިސްކަމެއް ދޭން ޖެހޭނެކަމަށާއި ވަކިން ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ހޯދުމަށް އެދޭ މައުލޫމާތު ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ސިޔާސަތަކީ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުން އެކުލަވައިލާ ސިޔާސަތުތަކުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ދައުލަތަށް ކުރާ އިތުބާރު ބޮޑުވެ، ސައްހަ މައުލޫމާތު ހާމަކުރުމަށާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ އިތުރުން ދައުލަތުގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމަށް ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *