މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަޚުރު ކަމަށާއި ހުރިހާ ފުލުހުންވެސް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކެންވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އެދިލައްވައިފިއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާ އިސްކަންދަރު ކޮށި އެކެއްގައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން ސީޕީވަނީ އެމީހާ ސަލާމަތް ކުރުމުގައި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ދެއްކެވި ސާބިތުކަމަށާއި ހިތްވަރަށް ޝުކުރު ދަންނަވާފައެވެ.
އެ ފުލުހުންގެ އަގު ވަޒަންކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާބްދުލް މަންނާން ޔޫޞުފާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙާއި މެރިން ޕޮލިސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މިއަދު ބޭއްވި ބައްދަލުވުމާއި ބެހޭ މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ސިންމާލެ ބްރިޖުން މީހަކު ފުންމާލި ކަމުގެ މައުލޫމާތު ޖޫން 06 ވަނަ ދުވަހު 15:46 އެހައިކަންހާއިރު ފުލުހުންގެ ކޮމާންޑް ސެންޓަރަށް ލިބުމާއެކު އެ މައުލޫމާތު މެރިން ޕޮލިސްއާ ހިއްސާކުރެވިގެން ދިއަކަމަށާއި މައުލޫމާތު ލިބުމާއެކު، ތައްޔާރީ ހާލަތުގައި އެވަގުތު ޑިއުޓީގައި ތިބި މެރިން ޕޮލިސްގެ ފުލުހުން އަވަސްވެގަތީ އެ ސަރަހައްދަށް ދިއުމަށް ކަމަށެވެ.
ދޫނިދޫގައި ގާއިމްވެ ތިބޭ މެރިން ޕޮލިސްގެ ފުލުހުންނަށް ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދެވުނީ 15:53 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ސަރަހައްދަށް ގޮސް ބެލިއިރު ބްރިޖުގެ އެންމެ އުސް ދިމާލު ކަނޑުގައި ހަރަކާތެއް ނެތި ބަނޑުވަތަށް އޮތް މީހަކު ފެނުނުކަމަށާއި އެމީހާ ފެނުމާއެކު، ޕޮލިސް 54 ނަންބަރު ލޯންޗުގައި ދަތުރުކުރި 4 ފުލުހުންގެ ތެރެއިން ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙަނީފް ޙުސައިން އާއި ޕޮލިސް ސަރޖަންޓް ޢަބްދުލް ޙަސީބް ޢަބްދުލް ހަމީދު މޫދަށް ފުންމާލައި އެމީހާ އުއްޑުން ޖަހައި ލޯންޗުގައި ދެން ތިބި ޕޮލިސް ކޯޕްރަލް އާދަމް މުޙައްމަދާއި ޕޮލިސް ކޯޕްރަލް އާދަމް ހާނިމް ގެ އެހީތެރިކަމާއެކު ލޯންޗަށް މީހާ ނަގައި ސީޓް މަތީގައި މީހާ ބޭއްވުމަށް ފަހު އަވަސް ފަރުވާ ދޭންފެށިކަމަށް ފުލުހުން ބުނެފައިވެއެވެ.
ލޯންޗަށް މީހާ ނެގި ވަގުތު އެމީހާ ފުން ނޭވާއެއް ލިއެވެ. އަދި ލޯންޗަށް ނަގައި ސީޕީއާރު ދިނުމުން ބޮވިފައިހުރި ލޮނުތައް ބޭރުވެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ފެރީޓަރމިނަލް އަށް ލޯންޗު ކައިރިކޮށް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގެ އެހީތެރިކަމާއެކުއެވެ.
އެހާދިސާގެ ތަފްސީލު ދެމުން ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!