ކޯވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލްކޯށްފިއެވެ.

މީގެ އިތުރުން ސަރުކާރުންވަނީ ކުރިން އިއުލާން ކޮށްފައިވާ ގޮތައް މާލޭގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އިއުލާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، ރަށްރަށުގައި އެޅި ހުރިހާ ފިޔަޅުތައް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ. މިއާއިއެކު ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްތަކުގެ ފުރަބަންދު ވަނީ ނިމުމަކަށް އައިސްފައެވެ.

Ad
rt

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުޅުވާލާފައިވާއިރު އެ މަސައްކަތް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ޖެހޭނެކަމަށާއި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެހެން ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޯވިޑް-19ގެ ބަލި މީހަކު ފެނުމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ރަށްތައް ލޮކްޑައުން ކުރި އެވެ. ނަމަވެސް މާލެ ފިޔަވައި އެ ބަލި ފެނިފައިވަނީ މަދު ރަށަކުންނެވެ. އެއާއެކު އެ ރަށްތަކުގެ ފުރަބަންދަށް މަޑުމަޑުން ލުއިތަކެއް ދޭން ފެށިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރި ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.