ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގެ ތަހުގީގުގައި ދިފާއީ ވަކީލެއް ހޯދަން 10 ދުވަހުގެ މުއްދަތެއް އޭނާއަށް ކްރިމިނަލް ކޯޓުން ދީފި އެވެ.

ވަކީލެއް ހޯދުމުގެ ފުރުސަތު ލުތުފީއަށް ދީފައިވަނީ މިއަދު ކުރިއަށް ގެންދިޔަ އޮންލައިން އަޑުއެހުމުގައިއެވެ. އެއަޑުއެހުމުގައި ލުތުފީ ބައިވެރިވީ މާފުށީ ކޯޓުގައި ހުރެގެންނެވެ. ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

Ad
rt

ލުތުފީގެ މައްޗަށް ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ. ވަކީލެއް ހަމަޖައްސަން ބޭނުންވާ ކަމަށް ވާނަމަ އެ ފުރުސަތު ހޯދައިދޭން ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ލިޔުމަކުން އަންގަން ލުތުފީ އެދިފައިވެއެވެ.

"ލިޔުމަކުން އަޅުގަނޑަށް މި ފުރުސަތު ހޯއްދަވައިދެއްވަން ވިދާޅުވެދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެމްސީއެސްގައި ބައެއް ފަހަރު ކަންތައްތައް ހުންނަ ގޮތުން އަނގަ ބަހުން ބައެއް ފަހަރު އެއްވެސް މީހަކު އެއްވެސް ކަމަކަށް އެދުނަސް އެކަންތައްތަކެއް ކުރުމަށް ހުރަސް ހުރޭ. އެހެންވުމުން މިހެން މި ދަންނަވާލީ،"

ލުތުފީ ކޯޓޫގައި ބުނެފައިވެއެވެ.

ގާޒީ އަލީ ރަޝީދު ވަކީލެއް ހަމަޖައްސަން ލުތުފީއަށް 10 ދުވަހުގެ މުއްދަތެއް ދެއްވާ 10 ދުވަސް ފަހުން އަޑުއެހުމެއް ބާއްވަން ތާވަލުކުރެއްވިއެވެ. ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ ލުތުފީ ދައުވާއަށް ޖަވާބުދާރީވުމެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި ވަނީ 19 ދިވެއްސަކު ޝަހީދުވެފައެވެ.