ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދީ ހުތުރު އެއްޗެހި ގޮވި މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ.

މިއަދު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާއެކު ހެނދުނުގެ ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އުސްފަސްގަނޑު ސަރަހައްދުން ދިމާކޮށް ހުތުރު އެއްޗެހި ގޮވީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށެވެ.

Ad
rt

އަދި އެހުތުރު މަންޒަރު، އެތަނަށް ކަސްރަތު ކުރަން ގޮސް ތިބި އެހެން ރައްޔިތުންނަށް ވެސް ފެނިފައިވާ ކަމަށާއި، މިއަމަލު ކުށްވެރި ކުރާ ކަމަށް ވެސް ކުރީގެ ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކުރީގެ ރައީސް ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް، އެމަނިކުފާނަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު 07:07 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމާއި ގުޅިގެން ރައީސް ވަހީދުގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.