މާލޭ ގެސްޓަހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
އެމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖެހީ، އޭނާގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ.
ކުރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުނެރުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެއް ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕްރޮސެކިއުޓާ ޖެރެނަލްގެ އޮފީހުގައި އެދިފައިވަނީ މިއަދުއެވެ. އަމުރަށް އެދިވަޑައިގެންފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. މިއީ މިދިޔަ ފަސް އަހަރު ތެރޭ މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދެވިދާނެ ކަމަށް އޮވެއެވެ.
މި މައްސަލައާއި ގުޅިގެން ގަވައިދާއި ހިލާފަށް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަމަށް، ބުނެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!