އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ފިރިހެނެއް މިރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ހާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ކުރިން މީޑިއާގައި ރިޕޯޓުކޮށްފައިވާއިރު، އެކުއްޖާ ރޭޕްކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ މޭމަހުގެ 28 ވަނަ ދުވަހުވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ގައި އެކަމުގައި ޝާމިލްވާ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ،
އެމައްސަލައާއި ގުޅިގެން އެދުވަހު ފުލުހުން ބުނީ އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލަ އާއި ގުޅިގެން އެކުއްޖާއާއިއެކު ކޮޓަރީގައި ހުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލައި، ކުއްޖާއަށްވެސް އޮޅުވާލައި ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
މިފަހަކަށްއައިސް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ އުތުރު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 16 އަހަރު ފިރިހެން ކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރާއި، 37 މީހަކު ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން މިމަހުގެ 9 ވަނަ ދުވަހު ވަނީ އުތުރުގެ ރަށެއްގައި ފިރިހެން ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ގުރުއާން ކްލާސް ހިންގާ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!