ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 27 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2003 އަށް އިތުރު ވެފައެވެ.
އެޗްޕީއޭއިން ބުނީ މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް އިތުރު 27 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހުންނާއި އަދި އިންޑިއާ މީހެކެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 1193 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި 8 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 306 މީހުންނެވެ. އައިސޮލޭޝަންގައި 789 މީހުން އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ. ބިދޭސީން ތެރެއިން އެންމެ ގިނައިން މިބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. އެގޮތުން ޤައުމުގެ 1046 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. ބަލިޖެހުނު ދިވެހިންގެ ޢަދަދަކީ 686 އެވެ.
ކޯވިޑް-19ގެ ޖެހިފައި ހުރި މީހަކު ރާއްޖޭން ފުރަތަމަ ފެނުނީ މިއަހަރުގެ މާޗް 7 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ގައިންނެވެ.
މާލެއިން ފުރަތަމަ މީހަކު މިބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެއީ ސެނެހިޔާ ފްލޫ ކްލިނިކަށް ދެއްކި ދިވެއްސެކެވެ.
މާލެ ސަރަހައްދު ފުރަބަންދު ކުރިތާ 43 ދުވަހުން ފަހުން މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. މިއަންނަ ހޯމަ ދުވަހުން ފެށިގެން މި ފިޔަވަޅުތަކަށް ވަރަށް ބޮޑު ލުޔެއްދީ، ޖުލައި މަހުގައި ނިއު ނޯމަލްއަކަށް ދިޔުމަށް މިހާރު ވަނީ މިސްރާބު ހިފާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!