ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި ފެށިގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

Ad
rt

"ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި ފެށިގެންދާނެ،"

ނަޔާޒް ވިދާޅުވިއެވެ

މާބަނޑު މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެދުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޔާޒް ވިދާޅުވިއެވެ. އެގޮތުން 20 އަދި 24 ހަފުތާގައި ހަދަން ޖެހޭ ސްކޭން ރަށްރަށުން ހެދޭނެ އިންތިޒާމު މި ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ސްކޭން ކުރަން ރޭޑިއޮލޮޖިސްޓުން މި ފޮނުވަނީ. ކޮން ރަށްރަށެއްގައިތޯ ސްކޭން ކުރަން މީހުން ތިބީ މި ބަލަނީ. ބަލާފައި އެމީހުން އެއް ރަށަކަށް ގެނެސް ސްކޭން މިކުރަނީ،"

ނަޔާޒް ވިދާޅުވިއެވެ.

ނަޔާޒް ވިދާޅުވީ، ސްކޭން ކުރަން ޖެހޭ މީހުންގެ ސްކޭންތައް ކުރަން ހަމަޖެހިފައިވަނީ، އެރަށެއް ހިމެނޭ ސަރަހައްދުގެ ކޮންމެވެސް އެއްރަށަކަށް ގެންގޮސް އެރަށްތަކުގެ މާބަނޑު މީހުން އެއްކޮށް ކަމަށެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން ހއ، ހދ އަދި ށ އަތޮޅު ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.

މާބަނޑު މީހުންގެ ސްކޭން ހެދުމުގައި ދަތިތަކެއް ކުރިމަތިވުމުން ބައެއް ހިތާމަވެރި ހާދިސާތައް ވަނީ ހިނގައިފައެވެ.