ފުރަބަންދަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު މިރޭ އިއުލާނުކުރައްވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކުރިއަށް ހުރި މަރުހަލާތަކުގައި ދޭނެ ލުއިތައް އެނގި، ތައްޔާރުވާން ބޭނުންވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ރޭ ވެސް އެ މައުލޫމާތު ހިއްސާކުރަން އޮތްނަމަވެސް ޕޮލިސީ ބައްދަލުވުންތަކެއް ކުރިއަށްދާތީ އެ މައުލޫމާތު ހިއްސާ ނުކުރެވުނީ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ ރޭ ސާފުކޮށް ކުރިއަށްހުރި މަރުހަލާތައް ހިނގާނެ ގޮތް ކިޔައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ޕްލޭނިންގައި މަސައްކަތްކުރާ ބޭފުޅުން ތިބޭފުޅުންނާ ބައްދަލުކުރައްވާ އެކަން ކޮށްދެވޭނެ ކަމަށް،"
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ތެރޭގައި މާލެ ސިޓީން ކޯވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތު އަދިވެސް އުވާލާފައެއް ނުވެއެވެ. ނަމަވެސް ނިމިދިޔަ މެއި މަހުގެ 29 އިން ފެށިގެން ފުރަބަންދަށް ވަނީ ލުއިތަކެއް ދީފައެވެ.
ފުރަތަމަ މަރުހަލާގެ ދަށުން އެ ލުއިތައް ދީފައިވަނީ 02 ހަފްތާގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި ކޯވިޑުގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު އިތުރު ލުއިތަކެއް ދޭން ނިންމާނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!