ފުރަބަންދަށް ލުއި ލިބުމާއިއެކު، އަލުން ސްކޫލުތައް ހުޅުވުމަށް ތައްޔާރީތައް ވަމުންދާއިރު، ކޮންމެ ދަރިވަރަކަށް ދުވާލަކަށް 2މާސްކް ބޭނުންވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ގައިޑްލައިންގައި ކަނޑައަޅައިފިއެވެ.
އެގޮތުން ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ ކުދިންނާއި އުމުރުން ދެއަހަރަށް ވުރެ ކުޑަކުދިންނާއި އަދި އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި، މާސްކް ނައްޓާނުލެވޭ ކުދިން ފިޔަވައި އެހެން ހުރިހާ ކުދިން ސްކޫލަށް ދާންވާނީ މާސްކް އަޅައިގެންކަމަށްވެސް އެ ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ 15 މިނިޓް ކުރިން މުވައްޒަފުން ސުކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށާއި، އަދި ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބަލަންޖެހޭނެކަމަށްވެސް އޭގައި ބުނެފައިވެއެވެ. އެގޮތުން ބަލީގެ އަލާމާތަކާއެކު 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ހުން މަތިނަމަ އެ ދަރިވަރަކު އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކުގެ ލަފަޔަކަށް އެދުމަށް އެޑިއުކޭޝަންގެ މި ހާއްސަ ގައިޑްލައިންގައި ވަނީ ބުނެފައެވެ.
ކޮންމެ ދަރިވަރަކަށް ދެ މާސްކް ބޭނުންވާނެ ކަން ހާމަކުރި ނަމަވެސް އެ މާސްކްތައް ސަރުކާރުން ނުވަތަ އެހެން އިދާރާއަކުންވެސް ފޯރުކޮށްދޭނެ ކަމަކަށް ގައިޑްލައިންގައި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!