2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.
މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިބަލި ޖެހުނު މީހުންގެ ޢަދަދު 5 މިލިއަނަށް އަރާފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
7 ޖޫން 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 17:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 7,008,541
މަރުވި މީހުންގެ ޢަދަދު: 402,686
ރަނގަޅުވި މީހުންގެ ޢަދަދު: 3,428,961
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 112,101 އަށް މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,988,700 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 752,048 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 676,494 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 36,044 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 302,084 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 467,673 މީހުން ޕޮޒިޓިވް ވެފައިވާ ރަޝިޔާއެވެ. އެ ޤައުމުން ވަނީ 5,859 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 226,731 މީހުންނެވެ.
މިބަލި ކޮންޓްރޯލް ވަމުންދާކަމަށް ބުނެ ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
މިގޮތުން އަވަށްޓެރި އިންޑިއާއަކީ ހަލުވިކަމާއިއެކު މިބަލި ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 248,114 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 6 ވަނައިގައެވެ. އެ ޤައުމުން މިހާތަނަށް ވަނީ މިބަލީގައި 6,954 މީހުން މަރުވެފައެވެ.
އަވަށްޓެރި ސްރީލަންކާގައި ބަލި ކޮންޓްރޯލްވުމުން ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަލުން ބަލި ފެތުރެން ފެށުމުން އެ ޤައުމުގައި މިހާރު އަލުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ދުނިޔޭން ބަލި ޖެހުނު މީހުންގެ ލިސްޓްގެ 99 ވަނާގައި އެ ޤައުމު އޮތްއިރު އެ ޤައުމުން ބަލި ޖެހިފައިވަނީ 1,814 މީހުންނަށެވެ. އެ ޤައުމުން މަރުވެފައި ވަނީ 11 މީހުންނެވެ.
މިހާތަނަށް 1,901 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 98 ވަނާގައެވެ.
މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!