ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެދުގައި ނުތަނަވަސްކަމެއް އުފެދި ސިޔާސީ މަޝްރަޙް ހޫނުވެއްޖެއެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖަލްސާ ހޫނުވެ ރިޔާސަތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމްގެ ނަން އިވުމުން އޭނާ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެދެވުމުން އެމްޑީޕީ މެމްބަރުން ވަނީ އޭނާ ގަދަކަމުން ބޭރަށް ނެރެލާފައެވެ. ޝިޔާމް ގަދަކަމުން ނެރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ.
"އެކަންކަމުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުއެޅުން އެއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް. އެހެންކަމުން އިންސާފުވެރިގޮތުގައި އެ މައްސަލަތައް ބަލައި ތަހުގީގު ކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އަޅުގަނޑުގެ ހިތުން މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތް،"
މިނިސްޓަރު އިމްރާން ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ސަރުކާރުގެ އެތެރޭންނާއި ބޭރުން އައި ހަލަބޮލިކަމެއްގެ ތެރެއިން ބޭއްވި ޖަލްސާގައި ކަންހިނގައި ދިޔަ ގޮތުން އެކި މީހުން އައީ މަޖިލިސްއަށް ފާޑުކިއުންތައް އަމާޒުކުރަމުން ނެވެ. ރިޔާސަތުން އަމަލުކުރި ގޮތާއި މެންބަރުންގެ އަމަލުތައް ހުރި ގޮތުން ފާޑުކިއުން އަމާޒުވިއެވެ. އިދިކޮޅު ކޯލިޝަން އާއި ސަރުކާރު ނިސްބަތްވާ ފަރާތްތަކުން އަދި އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަށް ދެމުން ދަނިކޮން މަޝްރަހު ބަދަލުވެގެން ދިޔައީ ހޯމް މިނިސްޓަރ އިމްރާންގެ ފާހަކަ ފުޅާއި އެކުއެވެ. މިކަމުގެ އަޑު ގަދަވެފައިވަނިކޮން އެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި އެކު ސަރުކާރު ކޯލިޝަން ގައި ހިމެނޭ ދެ ޕާޓީގެ އިސް ސަފުގައި ހަރަކަތްތެރިވާ ފަރާތްތަކުގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެން ފެށިއެވެ. ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އޮއްގާ އުކަންފެށިގެން ދިޔައެވެ. އެމްޑީޕީގެ ފަރާތުން މިކަަމަށް ބަސްބުނަން ފެށީ ސީދާ ލީޑަރޝިޕްއިންނެވެ.
މިކަން ހޫނުވެ އެމްޑީޕީގެ ލީޑާރޝިޕް އެކީ އަދާލަތު ޕާޓީއަށް ރައްދުދޭން ނިކުތީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ޓުވީޓަކަށް މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ރައްދު ދެއްވުމާއި ހިސާބުންނެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
ޝިދާތާ ޝަރީފް، ހަސަން ލަތީފް އަށް ރައްދު ދެއްވާ ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށް އިމްރާން ވެދެވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫންކަމަށެވެ. އިމްރާން އެމައްސައިގެ ތެރެއަށް ވަންނަވަނީ ދާޚިލީ ވަޒީރުގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރައްވަން ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރަންވާނީ އަދި ބޮޑު ބިޔަ ޕާޓީގެ ޗެއަރޕާޝަންކަން ކުރަންވާނީ އެވަރު ދަންނަ ބޭފުޅުންކަމަށެވެ.
މިސަރުކާރު ކޯލިޝަން ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށެވެ.
ޝިދާތާ މިހެން ވިދާޅުވުމާއި އެކު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ސިދާތާއަށް ރައްދު ދެއްވިއެވެ.
އެގޮތުން ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އެމްޑީޕީން ކުރި ބުރަ މަސައްކަތުން ހުރިހާ އެންމެންނަށް ވެސް އެނގެންވީ ހަގީގަތަކީ އެމްޑީޕީ އަށް އަމާޒުކޮށް އެއްޗެއް ބުނާއިރު ހަ ފަހަރު ވިސްނާލަން ވާނެކަން ކަމަށެވެ.
"ގައުމަށްޓަކައި އެމްޑީޕީން ކުރަމުންދާ މަސައްކަތް އެއްވެސް ބޭފުޅަކަށް އޮޅިގެން ނުވާނެ"
ޝިފާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓަކާއެކު އަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުރައިދިން ފޯމް މަދު ނުވާނެ ކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ސިދާތާއަށް ރައްދު ދެއްވިއެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓުގައި ވަނީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕަސަން ކަން ކަމާ އެއްޗެހި ވިދާޅުވުމުން އެ ދެއްކެވި ވާހަކައެއް އަޑު އެއްސެވުން ބުއްދިވެރި ކަމަށް ވިދާޅުވެފައި ވެއެވެ.
އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް މަދެއް ނުވާނެ، އަދި އޭޕީގެ މުޝްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ."
ޝިދާތާއަށް ޓެގް ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
Adhalath Party akee MDP ge coalition party ehge gothuga dhekeynama, MDP ge chairperson kankamaa ehcheh vidhaalhuveema edhekkevi vaahakaeh adu assavaalevvun buhdhiveri. AP ah alhugandu furadhin form madheh nuvaane adhi AP ge mushthashaarah mikan engivadaigannavaane @shidhatha
— Mohamed Nasheed (@MohamedNasheed) June 5, 2020
ރައީސް ނަޝީދު މިހެން ވިދާޅުވުމުން އަދާލަތުގެ ސަޕޯޓަރުން ބުނެފައިވަނީ އަދާލަތު ޕާޓީގެ މުޝްތަޝާރަކު ނުހުންނަވާކަމަށެވެ. އަދި ދުވަހަކު ވެސް އެ މަގާމު އުފައްދާ އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައެއް ވެސް ނުވާނެކަމަށެވެ.
މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ އިތުރުން އެމްޑީޕީގެ ގިނަ އިސްފަރާތްތަކެއް ވަނީ ސިދާތާގެ އިތުރުން އަދާލަތު ޕާޓީ އަދި ޝައިޙް އިމްރާން އަށް ފާޑުކިއުން އަމާޒުކޮށް ރައްދު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!