ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓްއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ހިންގަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާއަށް ބޮޑު އަދި ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ އިޖުތިމާއީ ނަފާ ހީނަރު ކުރުވާ ޕްރޮޖެކްޓެއްކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި އަދި މިދަނޑިވަޅު މާލީގޮތުން ދެކޮޅު ނުޖެހޭ، އެހެނަސް ހިއްކާ ބައިގަނޑާ ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ޕްރޮޖެކްޓެއްކަމަށެވެ.

Ad
rt

މީގެ އިތުރުން އަލީ ހުސައިން ބުނެފައިވަނީ ގުޅީފަޅު ހިއްކަން ބޭނުންވާ 20 މިލިޔަން ކޮޑި މީޓަރުގެ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

"އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން. އެކަން އެމަގުން ނުހިނގާނެ ކަަމަށް އުއްމީދުކުރަން"،

އަލީ ހުސައިން ބުނެފައިވެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވިއިރު ގުޅީފަޅު ގެ ޕްރޮޖެކްޓްއާއި ދެކޮޅަށް ގިނަ ފަރާޓްތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދުނިޔޭގައި ކޯވިޑް-19 ސިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާގެ ސަބަބުން އިގްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނޭ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް ވަނީ ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުއަކީ 300މ ޑޮލަރުގެ ލޯނެއް ބޭނުންކޮށްގެން އޭގެ ދަރަނީގައި ހިންގާ މަޝްރޫއު އެކެވެ. ގުޅިފަޅުގައި ބަނދަރު ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ބިޑަށް ނުލައި ގުޅިފަޅު ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް އަށް ހަވާލުކޮށްފަ އެވެ. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.މި މަޝްރޫއު ހަވާލު ކޮށްފައިވާ ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން މި މަސައްކަތުގައި ބައިވެރިވަނީ ރާއްޖޭގެ ވޯޓާ ސޮލިއުޝަން އާއި ކްލިއަރިއަން މޯލްޑިވްސް އަދި ބީޗް ކޮން ވެންޗާ އެވެ.

އުތުރުގެ ޓްރާންސިޕްމެންޓް ޕޯޓަކީވެސް މިސަރުކާރުން ކުރިންއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްއެކެވެ. އެމަޝްރޫޢުގެ ދިރާސާއެއް ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭންގެއެވެ.