ޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓްތައް ލިބޭ ފަރާތްތަކާއި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް އާތިފާ ޝުކޫރު ވިދާޅުވީ ކުރިއަށް އޮރް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރެވޭވަރު ވާނެކަމަށެވެ.

Ad
rt

އަދި އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓް ހަވާލު ކުރެވޭވަރުވާނެ ކަމަށްވެސް އާތިފާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރަނީ ރައީސް އޮފީހުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެދަށުން، ހައުސިންގ މިނިސްޓްރީގެ އެހީއާއިއެކުއެވެ. މިނިސްޓަރ ވިދާޅުވީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބައެއް މަޢުލޫމާތުތައް ކަށަވަރުކުރުމަށް ފޯމްތައް ހައުސިންގ މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި މި ނިމުނު ހަފްތާއިން ފެށިގެން ފޯމްތަކުގައި ހިމެނޭ ބައެއް މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ކަށަވަރުކުރުމަށް މިނިސްޓްރީގެ ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

" ފަންސަވީސް ހާހެއްހާ ފޯމް އެބައޮތް. މިހާރު ކްރޮސްޗެކް މިކުރަނީ މިނިސްޓްރީއިން. ހަމަ ހޯމަ ދުވަހު ސަރުކަރު ހުޅުވާލުމާއިއެކު ފޯމްތައް ރައީސް އޮފީހަށް ފޮނުވާނަން. ބޮޑަށް މިހާރު މިބަލަނީ ފްލެޓް ލިބޭ މީހުންގެ އިތުރު ބިމެން ނޫނީ ގޯއްޗެއް އެހެން ތަނެއްގައި އޮތްތޯ."މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ލިސްޓް މިިމަހުގެ ނިޔަލަށް ފައިނަލް ކުރުމަށް މަސައްކަތްކުރަމުންދާއިރު ސަރުކާރުން ވިދާޅުވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރަށް މުޅި ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި، އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހައްޤުވެރި ފަރާތްތަކާއި ހަވާލުކުރަން ފެށޭވަރުވާނެކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ހުޅުވިގެން މަސައްކަތް ފަށައިގަނެވިއްޖެ ކަމަށް ވަންޏާ، އިރާދަކުރެއްވިޔާ ޖުލައި މަސް ނިމޭއިރު ހަވާލުކުރެވޭނެ"،

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިޔާ ފްލެޓްގެ މަސައްކަތް ސަރުކާރުން އެދެވޭ އަވަސް މިންވަރަށް ނުކުރާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒްވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ.