ހއ. މޮޅަދޫގެ ރައްޔިތުން އެކި ބޭނުންތަކުގައި ފެރީގައި ދަތުރުކުރުކަށް އުފުލަމުން އައި ތަކުލީފަކީ އެ ތަކުލީފު އުފުލަން ނުޖެހޭ މީހަކަށް އިހުސާސްވެސް ކޮށްނުލެވޭނެ އުނދަގޫ، ދަތި ތަކުލީފެކެވެ.

މޮޅަދޫއަށް ދަތުރުކުރާ ފެރީ މީގެ 3 އަހަރު ކުރިން ކައިރި ކުރަމުން ދިޔައީ ރަށުގެ ރައްޔިތުން އަރާ ފޭބުމަށް ހަދާފައި އޮންނަ ފާލަމަށެވެ. އެ ރަށަކީ، ބަނދެއްރެއް ހެދިފައި ނެތުމުން ރަށަށް އަރާ ފޭބުމުގައި ރައްޔިތުން އެތައް އުނދަގުލަކާއި، ދަތިކަމެއް ތަހައްމަލު ކުރަމުން އަންނަ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ.

Ad
rt

އެރަށުގައި އޮންނަ ފާލަން ކައިރި ފަޅު ތިލަވުމުގެ ސަބަބުން މީގެ 3 އަހަރެއްހާ ދުވަސް ކުރިން އެރަށުގެ ފާލަމަށް ފެރީ ކައިރިކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އެރަށުގެ ރައްޔިތުން ފެރީގެ ޚިދުމަތް ހޯދަން ޖެހެނީ ޑިންގީއެއް ނުވަތަ ބޮއްކުރައެއްގައި ފެރީއަށް ދާށެވެ.

ފެރީ މަޑުކުރަނީ ރަށު ބޭރަށެވެ. ރަށްޔިތުން ފެރީއަށް އަރާ ފައިބަނީ ޑިންގީއެއް ނުވަތަ ބޮއްކުރައެއް ބޭނުން ކޮށްގެންނެވެ. މިކަމުގެ ތެރޭގައި ދުވަސްވީ މީހުންނާއި، އަންހެނުންނާއި، ކުޑަކުދިންނާއި އަދި އެކި އުމުރު ފުރާގެ އެރަށުގެ ރައްޔިތުން ތަހައްމަލު ކުރަނުން އައީ ދަތި، އުނގޫ ބިރުވެރި ދުވަސް ތަކެކެވެ.

މިއަދަކީ އެ ތަކުލީފަށް ނިމުން ގެނުވި ދުވަހެވެ. އައު ސަރުކާރުން އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެރަށުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިފައިވާ ބަނދަރު ކޮނެފައިވާ ސަރަޙައްދުގައި ވަގުތީ ފާލަމެން ހަދައި، މިއަދު ވަނީ އެ ފާލަމަށް ފެރީ ކައިރިކޮށްފައެވެ.

މޮޅަދޫ ރައްޔިތުން ފުރަތަމަ ފަހަރަށް ރަށުގެ ފަސް ގަނޑުގައި ތިބެގެން ފެރީގެ ޚިދުމަތް ލިބިގަތް ދުވަހަކީ މިއަދެވެ.

" މިއަދަކީ މިރަށުގެ ރައްޔިތުން އުފަލަމުން ދިޔަ ތަކުލީފަށް ނިމުން ގެނުވި އުފާވެރި، ތާރީޚީ ދުވަހެއް" މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ ރަށަށް ފެރީ ކައިރި ކުރެވޭގޮތް ހެދުމަށް ބަނދަރު ހެދުމަށް ކޮނެފައިވާ ސަރަހައްދުގައި ވަގުތީ ފާލަމެއް ހެދުމުގައި، މިހާ ކުރު މުއްދަތެއްގައި ރަށުގެ ޒުވާނުންނާއި، ހަރުމީހުން ޝާމިލް ވާނޭހެން ރަށުގެ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރަށްވާ ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން މިފާލަން ހެދުމަށް އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން އިން ލިބުނ އެހީތެރިކަން ފާހަގަ ކުރަށްވައި، އެ ކުންފުންޏަށްވެސް ނިޝާމް ޝުކުރު އަދާ ކުރެއްވިއެވެ.

މޮޅަދޫ ރައްޔިތުންނަށް މިއަދު ލިބިގެން ދިޔަ ތާރީޚީ އުފާ، ރައްޔިތުންގެ މަޖިލިސްގައި އެރަށް ހިމެނޭ އިހަވަންދޫ ދާއިރާ ތަމްސީލު ކުރަށްވާ، މެމްބަރު މުޙައްމަދު ޝިފާއު ސިފަކުރަށްވާފައި ވަނީ،

" 1 ޖޫން 2020، މިއަދަކީ ހއ މޮޅަދޫ ރަށު ބޭރުމައްޗަށް ލިބެމުންއައި ފެރީގެ ޚިދުމަތް ސީދާ މޮޅަދޫއަށް ލިބެންފެށި އުފާވެރިދުވަސް. ފެރީ ޝެޑިއުލްގައި ރަށުގެ ނަން އޮތަސް ރަށުން ބޮއްކުރާގައި ފެރީއަށް ދުއްވުމުގެ ތެރޭގައި، ދިމާވި އެތަކެއް ހިތާމަވެރިހާދިސާތަކަށް ނިމުމެއް އައިކަމުގެ އިހުސާސް ކުރެވޭ. މިހާރު މޮޅަދޫ ބަނދަރުން ފެރީއަށް އެރޭ. މޮޅަދޫ ބަދަރު މަޝްރޫޢު އަކީ އެތައްގޮތަކުން މޮޅަދޫ ރައްޔިތުންގެ އުއްމީދު"

ހުސްވި މޭމަހުގެ 24 ވަނަ ދުވަހަކީވެސް އެރަށަށް ތާރީޚީ ދުވަހެކެވެ. އެދުވަހަކީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހެވެ.

މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. އޭގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި، ލަފާ ފުރުމަށް ބޭނުން ކުރަމުން އަންނަނީ ފާލަމެކެވެ.

މޮޅަދޫ ރައްޔިތުންގެ އަޑު ސަރުކާރާއި ހަމައަށް ގެންގޮސް ދެއްވައި، މި ބަނދަރުގެ މަސައްކަތް ފެށުމުގެ މަގު ތަނަވަސް ކުރުމުގައި މެމްބަރު ޝިފާއުވަނީ މުހިންމު ދައުރެއް އަދާ ކުރަށްވާފައެވެ.

ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ތަރައްޤީ ކުރާ މޮޅަދޫ ބަނދަރުގެ މުޅި މަޝްރޫޢުގެ އަގަކީ 21،065،364 ރުފިޔާއެވެ. މީގެ ތެރެއިން މިއަހަރުގެ ބަޖެޓަށް ކަނޑައަޅާފައި ވަނީ 8،05،364 ރުފިޔާއެވެ.

މިމަޝްރޫޢުގެ ދަށުން ބަނދަރާއި، މަގަތު ފާލަމުގެ މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާއިރު މިހާރު ވަނީ މި މަޝްރޫޢުގެ 28 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައެވެ.