ބިދޭސީންގެ މައްސަލަ: ވެވުނީ އިހުމާލެވެ.

bideysheen

ބިދޭސީންގެ މައްސަލައަކީ މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މައްސަލާގައި ދިވެހި ސަރުކާރު ތަކާއި ދިވެހި ރައްޔިތުން ވެސް ވަނީ އިހުމާލުވެފައެވެ. ބިދޭސީ މީހާ ރާއްޖެ އަންނަނީ ލިބެންޖެހޭ ހުރިހާ ހުއްދަތަކެއް ވެސް ނަގައިގެންނެވެ. އެހުއްދަތައް ދިނީ ޢުސޫލުގެ ތެރޭންކަމެއް ނުވަތަ ޢުސޫލުން ބޭރުންކަމެއް ބުނެދޭކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ 10 މީހުންގެ ކޯޓާއަކަށް އެދުމުން 100 މީހުންގެ ކޯޓާވެސް ދޫކޮށްފައިވާކަމެވެ. އިތުރަށް ދިން 90 ކޯޓާގެ ފައިދާ ކޯޓާ ހޯދައިދިން ފަރާތަށް ކުރިކަމެވެ. އަދި އިތުރަށް ދިން 90 ކޯޓާއަށް އެތެރެކުރި ބިދޭސީން މަގުމައްޗަށް ދޫކޮށްލިކަމެވެ. ( ކޯޓާގެ ޢަދަދު ޖަހާފައި މިވަނީ މިސާލީ ގޮތެއްގައެވެ. )

މިފަދައިން މި ރާއްޖެއަށް އެތައްހާސް ބަޔަކު އެތެރެކޮށްގެން ލިބުނު ފައިސާއިން ދިރިއުޅެމުން ދާކަމެވެ. އެތައްހާސް ބިދޭސީންނެއް ގެނެސް މަގުމަތިކޮށްލުމުގެ ނަތީޖާ މިއަދު މި ދިވެހި މުޖުތަމަޢުން ފެންނަމުން އެބަދެއެވެ. ބިދޭސީންނަށް ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މިރާއްޖޭގައި އުޅުމުގެ ފުރުޞަތު ހޯދައިދިނީވެސް ހަމަ ދިވެހިންނެވެ. މަސް މާރުކޭޓާއި، މާރުކޭޓާއި، ފަޅު އޮޑިފަހަރާއި، މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ އެމީހުން އަމިއްލައަކަށް ނޫނެވެ. ވިޔަފާރިކުރާ ތަންތަނުގެ ސޭޓުންނަށް އެމީހުން ތިބީ އަމިއްލައަކަށް ނޫނެވެ. ޤާނޫނު ތަކާއި ޤަވާޢިދު ތަކާއި ޚިލާފަށް އެހުރިހާ ފުރުޞަތެއް އެމީހުންނަށް ހޯދައިދިނީ ދިވެހިންނެވެ.

ކުޑަ ޢުޖޫރައެއްދީ އެމީހުން ގެންގުޅެ ވިޔަފާރީގެ ފައިދާ ބޮޑުކުރުމަށެވެ. ރަށުމީހާ ރަށަށް ދަމުން ރާނާ ސިމެންތިޖަހަން އެނގޭ ބިދޭސީމީހާ މަގުމަތިން ނަގައިގެން ރަށަށް ގެންދެއެވެ. އޭނާގެ ގެ ރާނާށެވެ. އަދި ކުޑަ އަގަކަށް އެމީހާލައްވައި ރޭނުމާއި ސިމެންތިޖެހުމުގެ މަސައްކަތް ކުރުމަށް އެމީހާއަށް ފުރުޞަތު ހޯދައިދިނެވެ. އެގޮތުން ރަށަށް ގެނައިމީހާގެ ގެ ރާނަމުން ބިދޭސީ މީހާ ރޭނުމުގެ ވިޔަފާރި ރަށުގައި ފުޅާކުރެއެވެ. ބިދޭސީމީހާގެ އިތުރު ބިދޭސީން ރަށަށް އެތެރެކުރެއެވެ. އެކަމުގެ ސަބަބުން ރަށުގައި އުޅޭ އެމަސައްކަތްކުރާ ދިވެހިންނަށް އެމަސައްކަތް ކުރުން ހުއްޓާލުމަށް މަޖުބޫރުވިއެވެ.

އަގުހެޔޮކޮށް ފެށި ރޭނުމުގެ މަސައްކަތް ދުވަސްކޮޅެއް ފަހުން ދެގުނަ އަގުބޮޑުކޮށްލައެވެ. 10 ރުފިޔާއަށް ގަންނަ ގަލެއް ބަހައްޓައިދިނުމުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްލައެވެ. އެހިސާބުން ވެސް އެއްޗެއް ވިސްނުނު ދިވެއްސަކު މަދެވެ. އެމީހުން ކީ އަގަކަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުން ދިޔައެވެ. ރަށަށް ދިއުމަށް ރަށު ބޯޓުން ޓިކެޓް ނަގާއިރު ބިދޭސީއެއް ވިޔަސް އެއްވެސް ލިޔެކިޔުމެއް ނެތަސް ޓިކެޓް ވިއްކައި ރަށަށް އެތެރެކުރަމުން ދިޔައެވެ. ޓިކެޓް ވިއްކައިގެން ލިބޭ ފައިދާއަށް ވިސްނާފައެވެ. ރަށަށް ލިބޭ ގެއްލުމަކަށް ނުވިސްނައެވެ.

މިކަމުގެ ސަބަބުން ބިދޭސީ ހާލިތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އިތުރުވިއެވެ. އިޖުތިމާއީ އެތަކެއް މައްސަލަ ތަކެއް އެމީހުންގެ ފުށުން ކުރިމަތިވަމުން ދިޔަޔަސް، ރުއް އެރުމާއި، އަތްގާޑިޔާ ދެމުމާއި، މިފަދަ ހުރިހާ މަސައްކަތަކާއި ދިވެހިން ފެއަށްޖެހި، ބިދޭސީންގެ އަތްމައްޗަށް އެކަންކަން ދޫކޮށްކާފައި ދިވެހިންނަކީ މަސައްކަތުން މިނިވަންވެ އަރާމުގައި އުޅޭ ބަޔަކަށް ވެއްޖެއެވެ. ރަށަށް އެތެރެވާ ބިދޭސީންގެ ދަފުތަރެއް ރަށު ކައުންސިލްގައި އޮންނަންވާނެ ކަމަށް ލޯކަލް ކައުންސިލް ޤާނޫނުގައި ބުނެފައިވީ ނަމަވެސް އެކަން ކުރުމަށް ކައުންސިލް ތައްވަނީ ނުކުޅެދިފައެވެ.

ރަށު މީހާއަށްވުރެ ބިދޭސީމީހާ ރަށަށް ގަދަވެ، ރަށުގައި ބޮޑެތި ވިޔަފާރިތައް ކުރަމުން ދިޔަޔަސް އެ ބިދޭސީ މީހާ ރަށަށް އެތެރެވެފައި ހުރީ ކޮންގޮތަކަށް ކަން ބުނެދޭން އެނގޭ ކައުންސިލްތައް މަދުވާނެއެވެ. ބިދޭސީންގެ ވާހަކައަކީ ދައްކައި ކޮޅުންލާން އޮތް ވާހަކައެއްނޫނެވެ. މިފަދަ ދަނޑިވަޅެއްގައި ފެތުރެންފެށި ބަލިމަޑުކަމުގެ ސަބަބުން ބިދޭސީ އާބާދީގެ ނުރައްކަލާއި ގެއްލުން ދިވެހިންނަށް ވަޒަންކުރެވިގެން ހިނގައްޖެއެވެ. ބިދޭސީން މަދުކުރަން އަޑުއުފުލަން ފަށައިފިއެވެ.

ނަމަވެސް ވަޤުތު ފާއިތުވެއްޖެއެވެ. ބިދޭސީން އެތެރެކުރުމާއި އެމީހުންނަށް ފުރުޞަތު ހޯދައި ދިންކަމީ ދިވެހި ސަރުކާރު ތަކާއި ދިވެހި ރައްޔިތުން ދިވެހި ޤައުމަށް ވެފައިވާ ބޮޑު އިހުމާލެކެވެ. ދެންވެސް ވިސްނާށެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ބިދޭސީ އާބާދީ މަދުކޮށް މިކަމުން ސަލާމަތްވެވިދާނެއެވެ. ބޭނުންވަނީ މުރާލި ރައްޔިތެކެވެ. އަދި އެރައްޔިތުންނަށް މަގު ފަހިކޮށްދޭނެ ވެރިންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިބޔަކު ގެނައ މީހުން ތިބޭނެ އިމިގްރޭޝަން ގެ އުސް މަގާ މު ތަކުގަ. ޙޯދާ ފިޔަވޅު އަލާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *