އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް ބްލެކްމެއިލްކޮށް، ރޭޕްކުރަމުން ދިޔަ މީހެއް ހައްޔަރުކޮށް، އެ އަންހެންކުއްޖާ ފުލުހުންގެ ހިމާޔަތަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ހުއްޓައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އެކުއްޖާއާއިއެކު ކޮޓަރީގައި ހުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލައި، ކުއްޖާއަށްވެސް އޮޅުވާލައި ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަން މީހެއްކައިރިއަށް ކުއްޖާ އެކަނިކަން އެނގިފައިވާ ކަމަށެވެ. އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

" މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މިސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަހްޤީޤް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންނެފައިވެއެވެ.