ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި
ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާ އެންގުމަށް ބަދަލުގެނެސް، އެ ބަދަލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖެގައި މިހާރު ޢިއުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން 2020 މޭ 29 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ވަކިގޮތެއް އަންގަންދެން، އަޅަންނިންމާފައިވާ ފިޔަވަޅުތައް އާންމުކޮށް އަންގާކަމަށެވެ.
އެޗްޕީއޭގެ އެންގުމުގައި، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި އަޅަން އަންގާފައިވާ ފިޔަވަޅުތައް
- ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންހުއްޓައިލުން.
- އެންގުމުގެ ފުރަތަމަ ނަންބަރުގެ ދަށުން ފިޔަވަޅު އަޅައިފައިވާ ޚާއްޞަ ހާލަތުގައި، ރައްޔިތުންނަށް
ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން. - މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެވިފައިވާތާ 14 (ސާދަ) ދުވަސްވެފައި ނުވާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ބަލިން ރައްކައުތެރި ވުމުގެ ފިޔަވަޅުތަކާއިއެކު ޢާންމު ޚިދުމަތްތަކާގުޅޭ ކަންކަމާއި، އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި، ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިޔުމުގެ ހުއްދަ ދިނުން.
- ބަލިން ރައްކައުތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ރަށުތެރޭގައި އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.
އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ މި އެންގުމުގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާކަމަށްވެސް އެ އެންގުމުގައި ބުނެފައިވެއެވެ.
މިއެންގުމަށް އަމަލު ކުރަންފެށުމާއިއެކު ކުރިން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ކޯވިޑް-19 އާއި ގުޅިގެން ޚާއްޞަ ފިޔަވަޅުތައް އަޅަންއެންގި އެޗްޕީއޭގެ ނަންބަރު 2020/36 (17 އެޕްރީލް 2020) އެންގުން ބާޠިލުވީކަމަށްވެސް މިރޭގެ އެންގުމުގައި ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭ ހާލަތަށް ބަލައި، މިރޭ ނިންމި ނިންމުމަށް ބަދަލު ގެނެވޭނެ ކަމަށް އަންގާ ކަމަށެވެ.
އެޗްޕީއޭއިން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާ އެންގުމަށް ބަދަލު ގެނެސްފައިވާއިރު ރާއްޖެގައި ޢިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދިނުމަށްވެސް ވަނީ ފަށާފައެވެ.
މީގެ އިތުރުން ކޯވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 29 ޖޫން 2020 ގެ ނިޔަލަށް އިތުރަށް ދެމެހެއްޓުމަށް ސަރުކާރުން ނިންމައި އެކަން ވަނީ 28 މެއި 2020 ގައި ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!