މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ.

Ad
rt

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދައްމާލުމުގެ މައްސަލައިގައި ސަރުކާރުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅާފަ އެވެ. ނަމަވެސް، ގާނޫނު އަސާސީ އިސްލާހުކުރުމަށް ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ، އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލުތައް ހުސްކަމަކަށް ނުގޮސް، އެމައްސަލަ ހައްލުކުރެވޭނެ ކަމަށް އެ މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

މިމައްސަލައާ ގުޅިގެން ސުޕްރީިމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅަން މިއަދުގެ މަޖިލިސް ޖަލްސާގައި ގަރާރު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

އެ ބިލާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމިއިރު، އެ ބިލަށް ވޯޓު ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރޭ ވަނީ ވިޕްލައިނެއް ވެސް ނެރެފަ އެވެ. އެކަމަކު އެ ބިލާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.

ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފުތާ ތެރޭގައި ދިމާވެފައިވާ މި މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދެވޭނެ ކަމަށާއި އެ ކަމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.