އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ: ޓްރަމްޕް

F287DA2C-2291-4AAF-BCC8-6F5797B5B1E8

އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ ކަމަށާއި، އަޅުކަން ކުރުން މަދުކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުކަންކުރާ ތަންތަން ވަގުތުން ހުޅުވާލުމަށް ޓްރަމްޕް ވަނީ އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް އަމުރު ކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ ކްރިސްޓިއަނުން އަޅުކަންކުރަން ދާ ޗާރޗްތަކާއި، ޔަހޫދީން އަޅުކަންކުރަން ދާ ސިނަގޯގްސްތަކާއި އަދި މުސްލިމުން އަޅުކަންކުރަން ދާ މިސްކިތްތަކަކީ ޟަރޫރީ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޟަރޫރީ ތަންތަންކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.

ގަވަރުނަރުން އެކަން ނުކުރައްވައިފިނަމަ ޚުދު އޭނާ އިސް ނަންގަވައިގެން އެކަން ކުރައްވާނޭ ކަމަށް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

ސްޓޭޓްތައް ހިންގެވުމަކީ ގާނޫނީގޮތުން ގަވަރުނަރުންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ގަވަރުނަރުންގެ ބާރުތައް އެއްފަރާތް ކުރައްވައި، އަޅުކަންކުރާ ތަންތަން އަމިއްލަފުޅަށް ހުޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަން ކުރައްވާނީ ކޮންގޮތަކަށް ކަމެއް ސާފު ނުވާކަމަށް ވޮޝިންގޓަން ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ސުވާލު ކުރުމަށްވެސް ފުރުސަތު ނުދެއްވާކަމަށް ބުނެފައިވެއެވެ،

ކޯވިޑް-19 ބަލީގައި އެމެރިކާއިން މަރުވި މީހުންގެ ހަނދާނުގައި އިއްޔެއިން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އެމެރިކާ ސަރުކާރުގެ ހުރިހާ އިމާރާތްތަކުން ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ޓްރަމްޕްވަނީ އެ ޕްރެސް ކޮންފަރެންސްގައި އަންގަވާފައެވެ.

މެލޭރިޔާ ބައްޔާ ދެކޮޅަށް ބޭނުންކުރާ "ހައިޑްރޮކްސިކްލޮރޮކުއިން" ބޭސްގުޅައެއް ކޮންމެ ދުވަހަކު ބޭނުންކުރައްވާ ކަމަށް ޓްރަމްޕް ވަނީ މެއި 20 ވަނަ ދުވަހު އޮތް ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

ކޯވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށާއި އަދި ބަލީގެ އެއްވެސް އަލާމާތެއްވެސް ނުފެންނަކަން ހާމަކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ މެލޭރިއާއާއި ދެކޮޅަށް ބޭނުންކުރާ ބޭސް ބޭނުން ކުރައްވަނީ ރައްކާތެރި ފިޔަވަޅެއްގެގޮތުން ކަށެވެ. އަދި އެކަން ކުރައްވާތާ ހަފްތާއަކަށް ވުރެންވެސް ގިނަދުވަސް ވެފައިވާކަމަށް ވިދާޅުވިއެވެ.

"ހައިޑްރޮކްސިކްލޮރޮކުއިން" އަކީ ކޯވިޑް-19 ބަލިން ރަނގަޅުކޮށްދޭ ބޭހެއް ނޫންކަމަށް ބައެއް ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއިރުވެސް، ޓްރަމްޕްވަނީ މި ބޭސް އެމެރިކާގައި ޕްރޮމޯޓް ކުރެއްވުމަށް އެތައް ހަފްތާއެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެއާ ގުޅޭގޮތުން އެތައް ވާހަކަފުޅެއް ދައްކަވާފައެވެ.

އެމެރިކާގައި ކޯވިޑް-10 ބަލި ޖެހުނު މީހުންގެ އަދަދުވަނީ މިހާތަނަށް 1،660،622 އަށް އަރާފައެވެ. އަދި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 98،430 އަށް އަރާފައެވެ. މިބަލިން އެ ޤައުމުން ރަނގަޅުވެފައި ވަނީ 439،377 މީހުންނެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *