މޮނިޓަރިންގައި ނެތް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭނެ: މިނިސްޓަރު

IMG_20200523_200228

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން މޮނީޓަރިން ހާލަތަށް ލާފައި ނެތް ރަށްރަށުގައި ހާމަކަން ބޮޑުތަނެއްގައި ބޮޑު ޖަމާޢަތް ހަދައިގެން މާދަމާގެ ފިޠުރު ޢީދު ނަމާދު ކުރެވިދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރާއި ހަވާލާދީ ދައުލަތުގެ މީޑިއާ "ޕީއެސްއެމްނިއުސް" ގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު މިހާރުވަނީ މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަކީ މިހާރުވެސް ހުއްދައޮތް ކަމެއްކަމަށާއި، ޑޮކްޓަރުންވެސް އިލްތިމާސްކުރައްވަނީ ވީހާވެސްބޮޑަށް ހާމަކަން ބޮޑުތަކެއްގައި ނަމާދުކުރުމަށްކަމަށެވެ. އެހެންނަމަވެސް މިގޮތަށް ބޮޑު ޖަމާޢަތް އަތް ހަދައިގެން ނަމާދުކުރުމުގައިވެސް އެޗްޕީއޭއިން އަންގަވާފައިވާގޮތަށް އަމަލު ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

"ވީހާވެސް ބޮޑަށް ގައިދުރުކަން އިސްކުރަންޖެހޭނެ. ސަލާންގަލާން ކުރާއިރު އަތް ޖޯޑު ނުކޮށް އަނގައިން މިހާލަތުގައ ސަލާން ގޮވަންވާނީ. ޢިދު ނަމާދުވެސް ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ކުރެވޭނެ،" އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިއްޔެ ހުކުރު ނަމާދުން ފެށިގެން ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެންނަމާދު ކުރަން ފަށާފައިވާއިރު، މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

އެ އެންގުމާއި އެކު މިނިސްޓްރީއިން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ.

ކޯވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
  • މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
  • ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
  • މާސްކު އަޅައިގެން މިސްކިތަށް ދިޔުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އީދު ޚުތުބާ އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ. އެހެންނަމަވެސް ގޭގައި ޢިދުނާމާދު ކުރާއިރު ޚުތުބާ ކިޔާކަށް ނުޖެހޭނެކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *