މިއީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6)، އާދެ، ހާޖީ އިމާދުއްދީނުގެ ފޮޓޯފުޅެކެވެ. އެ މަނިއްފުޅު ރަސްކަންކުރެއްވީ މީލާދީން 1893 އިން 1903 އަށެވެ. ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރީން ނަންފުޅަކީ ހަސަން ނޫރައްދީނެވެ.

މި މަނިއްޕުޅުގެ ބައްޕާފުޅަކީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (4)، އާދެ، މުސްކުޅި ބަންޑާރައިންގެ ދޮށީ ދަރިކަލުން ހަސަން އިއްޒުއްދީނެވެ. ތާރީޚީ ގޮތުން ކިޔޭ ލޯފަން މަނިއްފުޅެވެ. މަންމައަކީ މާންދޫގޭ ދޮންދީދީއެވެ.

Ad
rt

އައްސުލްތާނު ހާޖީ އިމާދުއްދީނުގެ ބައްޕާފުޅު ލޯފަން ބޭފުޅަކަށްވީތީ ކާފަފުޅު، މުސްކުޅި ބަންޑާރައިންނަށް ފަހު ރަސްކަން ލިބިވަޑައިގަތީ ބޮޑުބޭބޭފުޅު އިބްރާހީމް ނޫރައްދީނަށެވެ. އެއީ 10 ޖެނުއަރީ 1882 ގައެވެ. ނަމަވެސް އޭގެ 5 އަހަރެއްހާ ދުވަސް ފަހުން، ހިނގި ކަންތައްގަނޑެއްގައި އައްސުލްތާނު އިބްރާހީމް ނޫރައްދީން ތަޚުތުން ފައިބައިވަޑައިގެންނެވުމުން ލޯފަން މަނިއްފުޅުގެ ދޮށީ ދަރިކަލުން، އަދި ހާޖީ އިމާދުއްދީނުގެ ބޭބޭފުޅު، އައްސުލްތާނު މުހައްމަދު މުއީނުއްދީން (2) ގެ ނަމުގައި ތަޚުތުގައި ވެޑުވުނެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އަނެއްކާވެސް އިބްރާހީމް ނޫރައްދީނަށް ރަސްކަން ލިބިވަޑައިގެންނެވިއެވެ.

އައްސުލްތާނު އިބްރާހީމް ނޫރައްދީން، 29 ނޮވެންބަރު 1892 ގައި އަވަހާރަވުމުން އޭރު ހުންނެވި ބޮޑުވަޒީރު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލަގެފާނުގެ ނުފޫޒުން ރަދުންގެ ތޭރަސާދަ އަހަރުގެ ދޮށީ ދަރިކަލުން ހުންނަވަނިކޮށް، އުމުރުފުޅުން އަށް އަހަރުގެ ދަރިކަލުން އައްސުލްތާނު މުހައްމަދު އިމާދުއްދީން (5) ގެ ނަމުގައި ތަޚުތުގައި ވެޑުވިއެވެ. ސަބަބަކަށްވީ ރަދުންގެ ދޮށީ ދަރިކަލުންނަކީ، ބޮޑުވަޒީރު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލަގެފާނުގެ އިދިކޮޅު ވާދަވެރިޔާ ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލަގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްގެ ދަރިކަލަކަށް ވީތީއެވެ.

މިތަނުގައި، މިދެންނެވި ދެ ސިޔާސީ ވާދަވެރިންގެ ހަމަނުޖެހުމުގެ ވާހަކައިގަ ތަފްސީލަށް ދާކަށް ގަސްދެއް ނުކުރަމެވެ. ކޮންމެ އަކަސް މި ކަންތައްގަނޑުގެ ތެރެއިން 1893 ގެ މެދުތެރޭގައި އަށް އަހަރުގެ ތުއްޕުޅު ރަސްގެފާނު ތަޚުތުން ބާލުއްވައި އެރަދުންގެ ދޮށީ ބޭބޭފުޅު އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (3) ގެ ނަމުގައި ތަޚުތުގައި ވަޑުވައިފިއެވެ. އަދި ޝަމްސުއްދީން ރަދުންގެ އުމުރުފުޅު ހަގު ކަމުން ރަސްކަމުގެ ކަންކަން ބަލައްޓަވަން ގާއިމުމަގާމެއްގެ ގޮތުން ލޯފަން މަނިއްފުޅުގެ އޭރު ހުންނެވި ދޮށީ ދަރިކަލުން ހަސަން ނޫރައްދީން ހަމަޖައްސައިފިއެވެ.

އޭގެ މާ ގިނަ ދުވަހެއް ނުވެ އެއްކަލަ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލަގެފާނުގެ ވާތްގާއި އެކީގައި ޝަމްސުއްދީން ރަދުންގެ ގާއިމުމަގާމެއްގެ ގޮތުގައި ކަނޑައެޅުނު ހަސަން ނޫރައްދީން ރަސްކަމުގެ ތަޚުތުގެ މައްޗަށް އިސްވެ ވަޑައިގެންނެވިއެވެ. އާދެ، އައްސުލްތާނު މުހައްމަދު އިމާދުއްދީން (6) ގެ ނަމުގައެވެ. މާބޮޑު ތަފްސީލެއް ނެތި ކުރުގޮތަކަށް މި ދެންނެވުނީ ހާޖީ އިމާދުއްދީނަށް ރަސްކަމަށް ވަޑައިގެންނެވުނު ގޮތެވެ.

އައްސުލްތާނު މުހައްމަދު އިމާދުއްދީން، އެރަދުންގެ ދޮށީ ކޮއްކޯފުޅު މާންދޫގޭ ދޮށީ މަނިއްފުޅު، ގާއިމުމަގާމެއްގެ ގޮތުގައި ރަސްކަމުގެ ކަންކަން ބެލެހެއްޓެވުން މަތިކުރެއްވުމަށްފަހު މިސުރުގެ އިއްޒަތްތެރި ބޭކަނބަލަކާ ކައިވެނިކުރެއްވުމަށް، 1902 ގެ ނޮވެންބަރުގައި މިސުރަށް ވަޑައިގެންނެވިއެވެ. އޭގެ ހަތަރުމަހެއްހާ ދުވަސް ފަހުން 1903 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (3) ދެވަނަ ފަހަރަށް ރަސްކަމުގެ ތަޚުތުގައި ވެޑުވުނެވެ. އާދެ، އެހާ ހިސާބުން ހާޖީ އިމާދުއްދީނުގެ ރަސްކަން ނިމުނީއެވެ.

މިއަށްފަހު ވެސް ރަސްކަން ހޯއްދެވުމަށް، ހާޖީ އިމާދުއްދީން ވަރަށް ގިނަ މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުވިއެވެ. 1903 ގެ މޭ 20 ގައި ކޮޅުނބުން ބޯޓެއްގައި މާލެ ވަޑައިގެންނެވުމުންވެސް މާލެއަށް ފައިބައިވަޑައިގަތުމުގެ ހުއްދަ ލިބިވަޑައިނުގަތެވެ. ފަހުން އެނބުރި ކޮޅުނބަށް ވަޑައިގެންވެސް އެކަމަށްޓަކައި ވަރަށް މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން ކާމިޔާބީއެއް ލިބިވަޑައިނުގެން މިސްރަށް ވަޑައިގެންނެވިއެވެ. އަވަހާރަވީ މިސުރުގައި ހުންނަވަނިކޮށް 30 ސެޕްޓެންބަރު 1932 ގައެވެ.

Sultan Mohamed Imaduddeen VI, the King of Maldives from 1893 to 1903.