ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންއާއި ގުޅިގެން، ތޫފާނުގެ އަސަރުކޮށްފައިވާ ބަންގްލަދޭޝްއާއި އިންޑިއާއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ހަމްދަރުދީގެ މެސެޖްތައް މިނިސްޓަރ ޝާހިދު ފޮނުއްވާފައިވަނީ ވަކިވަކިން، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެން އާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށެވެ.
އިންޑިއާގެ އިރުމައްޗާއި، ބަންގްލަދޭޝްގެ އައްސޭރިފަށަށް ތޫފާން އަމްޕަން އެރުމާ ގުޅިގެން އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މިނިސްޓަރ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، މި ތޫފާނުގައި ބައެއް މީހުންގެ ފުރާނަ ގެއްލި، ބައެއް އަވަށްތައް އެއްކޮށް ސުންނާފަތިވެ އަދި ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވިއެވެ. އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދެޤައުމުގެ ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެއާއި އަދި އެ ދެޤައުމުންވެސް ހަނގުރާމަކުރަމުންދާ ދުވަސްވަރެއްކަމުން، ތޫފާނުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްއާއި އިންޑިއާގެ ސަރުކާރަށް ޙަމްދަރުދީއާއި ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ކާރިސާތަކުން އަރައިގަތުމަށް ސަރަހައްދުގެ ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!