ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމުގެ ދަށުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިފަހަރު ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، 68،750،000 (ފަސްދޮޅަސްއަށް މިލިޔަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާގެ ހިލޭ އެހީއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ޖަޕާނު ސަރުކާރުގެ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށެވެ.
Had the pleasure to sign the Exchange of Notes with Ambassador of #Japan Yanai Keiko today for grant aid of MVR68.7m to support GOM’s efforts to strengthen #Maldives border security. I thank Govt of Japan for yet another important contribution to develop our security sector. pic.twitter.com/nuvYdUYqji
— Abdulla Shahid (@abdulla_shahid) May 21, 2020
ކޯވިޑާއި ގުޅިގެންވެސް ރާއްޖެއަށް އަންނަނީ ގިނަ އެހީތަކެއް ލިބެމުންނެވެ. މި ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިން ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. ކެނެޑާއިން ވަނީ 1 މިލިއަން ރުފިޔާ ދީފައެވެ.
ޖަޕާނުން 8.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދީފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމާފައި ވާއިރު، އަދި އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައި އެވެ.
މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް ޖުމްލަ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!