ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 09:00 އިން މެންދުރު 13:00 އަށެވެ.
މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި، މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށް ލަފާކުރެވެއެވެ.
Yellow Alert pic.twitter.com/y4rSHcVjyY
— Maldives Meteorology (@MetMaldives) May 21, 2020
ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ދަންނަވަން.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެވެ. އެ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ތޫފާނަށް ދީފައިވާ ނަމަކީ ސައިކްލޯން އަމްޕަންއެވެ. މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަވެސް ކުރާ ދުވަސްވަރެވެ.
މޫސުން ގޯސްވާނެތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް މޫސުމާ ގުޅޭ އޮރެންޖު އެލާޓުވެސް ނެރެފައެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް:
މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް:
މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!