އިތުރު ގަޑީ ފައިސާގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލަން: އެމްއެޗްޕީޔޫ

photo_2020-05-20_07-13-19

ޞިއްޙީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ޙާއްސަ އިނާޔަތެއް ދޭނެކަމަށް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައިވާ މިވަގުތުގައި، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބުކުރާގޮތަށް ބަދަލުގެނެސް، އެފައިސް ނުލިބޭނެގޮތަށް ބަދަލު ކުރެވުނު އުސޫލު އުވާލައި، މިހާތަނަށްވެސް އަމަލު ކުރަމުން އައިގޮތަށް ބަދަލުކޮށްދިނުމަށް ގޮވާލައި، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ނޫސް ބަޔާނެއް ނެރެފިއެވެ.

އެ ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް 19 ވައިރަސްގެ އަސަރުން އެ ޔޫނިއަންގެ މެންބަރުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ ގޮންޖެހުން ތަކުން އެމީހުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެޔޫނިއަނުން ތަކުރާރުކޮށް ގޮވައިލަމުން އަންނަ ކަމަށެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ފާއިތުވި ދިގު މާޒީގައި މަސައްކަތް ކޮށްފައިވަނީ، އަދި ކުރަމުން ދަނީ ވެސް، އެމީހުންނަށް ދެވުނު އިނާޔަތް ނުވަތަ ހިމާޔަތަށްވުރެ ބޮޑަށް، ޤައުމަށާއި ބަލިމީހުންނަށް ޚިދުމަތްކޮށް ދިނުމުގެ ރޫހުގައިކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހިތާމަޔަކީ މިފަދަ ބަލިމަޑުކަމަކާއި ކުރިމަތިލާންޖެހުނު އިރު ޞިއްޙީ ދާއިރާގެ 19 ގިންތިއެންގެ މަސައްކަތްތެރިން ތިބީ ވަޒީފާގެ ރައްކާތެރިކަމާއި، ވަޒީފާގެ އޮނިގަނޑެއްނެތި، އަސާސީ މުސާރައަށް އެންމެ 5610 ރުފިޔާ ލިބޭ އުސޫލަކުންކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ވެއެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ މިހާލަތުގައިވެސް މަސައްކަތްތެރިންނާއި މަޝްވަރާނުކޮށް ކަނޑައަޅާ ސިޔާސަތުގެ ސަބަބުން ޞިއްޙީ މި އެމެޖެންސީގެ ހާލަތުގައި ވެސް، މަސައްކަތްތެރިންނަށް ލިބެންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށް ދިނުމާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް، ސީދާ ގޮތުން އަދި ނުސީދާގޮތުން، ނޭދެވޭ އަސަރުތަށް ކުރަމުން ދާކަމަށެވެ.

" ފާއިތުވި އަހަރުތަގުއި އަދި އާންމު ޙާލަތުގައިވެސް ސިވިލްސާވިސްގެ ސިއްޙީމަސައްކަތްތެރިންނަށް ކަނޑައެޅޭ މަސައްކަތު ގަޑީގެ އިތުރަށް ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ދެވެމުންއައި ކަމާއި، ސިއްޙީ މަސައްކަތް ތެރިންގެ އާމްދަނީ ބިނާވަނީ އިތުރުގަޑީގެ ފައިސާއި އެހެނިހެން އެލަވަންސްތަކުގެ މައްޗަށް ކަމަށް ވީހިދު، މިފަދަ ސިއްޙީ ކާރިސާއެއްގައި، ފުރާނަ އަތްމައްޗަށް ލައިގެން، ޢާއިލާއާއި ދުރުގައި ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ޞިއްޙީ ޚިދުމަތްތެރިންނަށް ލިބޭ ޖުމުލަ އާމްދަނީން ބައެއް އުނިވެގެން ދާގޮތަށް ސަރުކާރުގެ ފަރާތުން އެކުލަވާލެވުނު އުސޫލު، މި ޔޫނިޔަން އިން ބަލައިނުގަންނަ ވާހަކަ ދަންވަމެވެ. " އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޞިއްޙީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ޙާއްސަ އިނާޔަތެއް ދޭނެކަމަށް ސަރުކާރުގެ ފަރާތުން އިޢުލާން ކޮށްފައިވާ މިވަގުތުގައި، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބު ކުރާގޮތަށް ބަދަލުގެނެސް، އެފައިސާ ނުލިބޭނެ ގޮތަށް ބަދަލު ކުރެވުނު އުސޫލު އުވާލައި، މިހާތަނަށްވެސް އަމަލު ކުރަމުން އައި، ގޮތަށް ބަދަލު ކޮށްދިނުމަށް އެ ޔޫނިޔަންގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސަށާއި ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.

މިނުރައްކާތެރި ދަނޑިވަޅުގައި، ސިއްހީ ޙިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނާނީ، އެޗްޕީއޭ އަދި ކަމާއި ގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް އެންމެހައި ރައްޔިތުން، ބޯލަބައި ކިޔަމަންވެގެންކަން، ދިވެހި ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި ހަނދުމަކޮށްދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިތުރު ގަޑީ ފައިސާގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލައި އެމްއެޗްޕީޔޫއިން ނޫސް ބަޔާނެއް ނެރުނު އިރު، ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން ދަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *