ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން އެބަދެއެވެ.

ޞިއްހީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން ދާ ޞިއްޙީ ޚިދުމަތްތެރީން ކުރަމުންދާ ޓުވީޓުތައް ވަނީ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރާއި އަދި ރައީސް އޮފީހުސް ޓެގް ކޮށްފައިއެވެ.

މީގެ އިތުރުން އެ ޓުވީޓުތައް ވަނީ މިނިސްޓްރީ އޮފް ހެލްތާއި އަދި ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވެސް ޓެގް ކޮށްފައެވެ.

މީގެ އިތުރުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައިއެވެ.

އެޔޫނިއަންއިން ބުނެފައި ވަނީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 19 ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން، ތިބީ ވަޒީފާގެ އޮނިގަނޑެއްނެތި ކަމަށެވެ. އަދި އެމީހުން ތިބީ 5610 ރުފިޔާގެ ބޭސިކް ވޭޖް އެއްގައި ކަމަށެވެ.

މި ޕެންޑެމިކްގައި އަމިއްލަ ނަފްސު ޤުރުބާންކޮށް ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އޯޓީ ފައިސާ ކެނޑުމަކީ ޤަބޫލުކުރެވޭ ކަމެއްނޫން ކަމަށްވެސް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ މިހާލަތުގައި އެންމެ ބޮޑު ރިސްކެއްގައި ރެޔާއި ދުވާލު ޤައުމީ އަދި އިންސާނީ މަތިވެރި ޚިދުމަތެއް ކުރަމުން އަންނަ އެއްބަޔަކީ ޞިއްޙީ ޚިދުމަތްތެރީންނެވެ. މި މަސައްކަތުގައި ޞިއްޙީ ދާއިރާގެ، ފަންނީ، އިދާރީ އަދި މިނޫންވެސް އެތައް މުވައްޒަފުންނެއް ދަނީ ޝާމިލްވެ ބައިވެރި ވަމުންނެވެ.

ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ސާމްޕަލް ނެގުމަށް ދާ ދިއުމުގައާއި، އަދި މިނޫންވެސް މިމަސައްކަތުގެ ތެރެއިން ޞިއްޙީ ޚިދުމަތް ތެރީންނަށް ފުރައްސާރައާއި، ހިތްދަތިވާ ފަދަ ކަންކަން ކުރިމަތި ވަމުން އަންނަކަމަށްވެސް އޭގެ ތެރެއިން ބައެއް މީހުންވަނީ މީސްމީޑިއާގައި ކުރިން ހިއްސާ ކޮށްފައިއެވެ.

މިގޮން ޖެހުން ތަކާއި އެކުވެސް ޞިއްޙީ ޚިދުމަތްތެރީން ތިބީ ރެޔާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައިއެވެ.