ދުނިޔޭގައި ކޯވިޑް-19 ސިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާގެ ސަބަބުން އިގްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނޭ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް ސިޓީއެއް ފޮނުވައިފިއެވެ.

ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އަދި ދިމާވާނޭ ނުރައްކަލުގެ ހާލަތާއި ދޭތެރޭ އޮތް ކަންބޮޑުވުންތަކުގެ ސަބަބުން މަނިކުފާނުގެ ރިޔާސަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުން ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެއް ޤާއިމުކޮށްފައިވާކަމަށެވެ. އަދި “ރާއްޖޭން ކްލައިމެޓް އިމަރޖެންސީ އިޢުލާނު ކުރުމުގެ ޤަރާރު” ގެ ނަމުގައި ތިޔަ މަޖިލިހުން ވަނީ 12 ފެބްރުވަރީ 2020 ގައި ޤަރާރެއްވެސް ފާސްކޮށްފައިވީ ނަމަވެސް މިހާތަނަށް ތިޔަ މަޖިލިހުން އެ ޤަރާރުގެ ދަށުން އަމަލީގޮތުން ކުރެވިފައިވާ ކަމެއް ފެންނާކަށް ނެތްކަމަށް ބުނެފައިވެއެވެ.

Ad
rt

ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޯވިޑް-19 ވައިރަސްގެ ބޮޑު މުސީބާތަކީ ރާއްޖޭގެ ނާޒުކު ސިއްޙީނިޒާމާއި، ބަލިކަށި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި އަދި ގަޑުބަޑުވެފައިވާ އިޤްތިޞާދީ ނިޒާމަށް އިތުރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވަމުންދާ، މިހާތަނަށް ތަޖުރިބާ ކޮށްފައިނުވާ އާދަޔާޚިލާފު ބޮޑު ކާރިސާއެކެވެ. އަދިމިކަމުގެ ސަބަބުން މި ވަގުތަކީ ކުރު، މެދު އަދި ދުރުރާސްތާ އަށްވެސް ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި ދިރިއުޅުމުގެ އަސާސީ އެންމެހާ ކަންކަމަށް އިންތިހާއަށް ނުތަނަވަސްކަން ފޯރުވާފައިވާ ވަގުތެކެވެ. އަދި މިހާލަތަކީ އަވަސް މުއްދަތެއްގައި މިކަމުން އަރައިގަނެވޭނެ ހާލަތެއް ނޫންކަން ދަނީ ކޮންމެ ދުވަހެއްގެ ޚަބަރުތަކުން ސާފުވަމުންކަމަށް އެސިޓީގައި ބުނެފައިވެއެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކު ހާލަތު ދެނެތިބެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނޭ ގެއްލުންތައް ދެނެތިބެ، ކޯވިޑް-19 މުސީބާތުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ އަދި ކުރިއަށް އޮތްތާގައި ކުރާނޭ އަސަރު އަންދާޒާ ކުރެވޭ ހިނދު، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ދަރަނީގެ ލޯނުތަށް ބޭނުންކޮށް، އިޔާދަނުކުރެވޭނޭ މިންވަރަށް ތިމާވެށި ފަނާކުރަމުންދާ މަޝްރޫޢުތައް ބާރު ދުވެލީގައި މިހާރުވެސް ކުރިއަށް ގެންދާއިރު ތިޔަ މަޖިލިހުން މިކަމާދެކޮޅަށް ފިޔަވަޅު ނޭޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވާފައިވެއެވެ.

ޚަބަރު ތަކުން އެނގޭ ގޮތުގައި ކާފު އަތޮޅު ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުއަކީ 300މ ޑޮލަރުގެ ލޯނެއް ބޭނުންކޮށްގެން އޭގެ ދަރަނީގައި ހިންގާ މަޝްރޫއު އެކެވެ. އަދި މި މަޝްރޫޢުގެ އެންވައިރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އިން އެނގޭ ގޮތުގައި މީގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ތަރިކަ ކަމުގައިވާ މުހިންމު ޑައިވް ސަރަހައްދު ތަކަކަށް ގެއްލުން ވުމުގެ އިތުރުން މިކަމުގެ ގެއްލުން ފަތުރުވެރި ކަމާއި ގުޅިފައިވާ ކުދިވިޔަފާރި ތަކަށް ވެސް ކުރިއަށް އޮތްތާގައި ވާނޭކަން ފާހަގަކުރެއެވެ. އަދި މި މަޝްރޫޢު ގެ ސަބަބުން ގުޅީފަޅުގެ ވެށި މުޅިން ފަނާވެގެން ދާނީ ތިމާވެށީގެ އަގުނުކުރެވޭނޭ ބޮޑެތި ގެއްލުން ތަކެއްދީފައެވެ.

އެސިޓީގައި ބުނެފައިވެއެވެ.

މިއަހަރުގެ އިރުވައި މޫސުމުގައި ރާއްޖޭގެ އެތަށް ރަށެއް އާދަޔާ ޚިލާފަށް ގިރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތަޖުރިބާ ކުރަން ޖެހުމުން ތިޔަ މަޖިލިހުން ވަނީ ކުއްލި ޖަލްސާއެއް ބާއްވާ އެކަމުގެ ކަންބޮޑުވުން އާންމުކޮށް ޢިއުލާނުކޮށްފައިވާކަމަށާއި އަދި މަތީގައިވާ “ކްލައިމަޓް އިމަޖެންސީ ޢިއުލާނު ކުރުމުގެ ޤަރާރު” އަކީ އެ ތަޖުރިބާގެ ނަތީޖާ ކަންވެސް ފާހަގަކޮށްފައިވެއެވެ.

މިވަގުތު ހިނގަމުންދާ ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ މޫސުމުގެ ތޫފާނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށް، ރައްޔިތުންގެ ގެދޮރާއި، ދަނޑުވެރިންގެ ދަނޑުތަކާއި، މިވަގުތު އާމުދަނީ ހޯދުމަށް އޮތް ހަނި ވަސީލަތްތަކަށް ގެއްލުންވެ، ހާލުގައި ޖެހިފައި އޮތް ދައުލަތުގެ ދަރަނިވެރި އިޤްތިޞާދަށް ފޫބައްދަން ދަތި މިންވަރުގެ ޙަރަދުތަކެއް އަނެއްކާވެސް ކުރަން ޖެހިފައެވެ.

އެސިޓީގައި ބުނެފައިވެއެވެ.

ފަރުފަޅުތަކުގެ ނިޒާމަކީ ރާއްޖޭގެ ޤުދުރަތީ ބިންގާ އަދި ދިފާއީ ނިޒާމު ކަމަށްވާއިރު، އެނިޒާމުގައިވާ އެންމެހާ ދިރުންތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ އަސާސްކަމަށްވާއިރު، އެޤުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭ މިންވަރަށް ފަނާކުރުމަކީ ދައުލަތުގެ ތަރައްޤީގެ ޕްލޭނަށް ވެގެން ދިއުމަކީ ބުއްދި ޤަބޫލުކުރެވޭފަދަ، އަދި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން އެކަމުގައި އޮންނާނޭ ކަމެއްވެސް ނޫންކަން މިސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ 2016 ގެ ތިމާވެށީގެ ރިޕޯޓު ބުނާގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ %98 ބަރޯސާވަނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި އެ ވެށީގައިވާ ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށްކަމަށާއި އަދި ރާއްޖޭގެ %71 މީހުންގެ ވަޒީފާ ވެސް ބަރޯސާވަނީ އެ ވެއްޓާއި ދިރުންތަކުގެ ވަސީލަތަށްކަމުން އަދި ރާއްޖޭގެ ރައްޔިތުންގެ ދިރުމާއި ގުޅިފައިވާ މި ވެށީގެ ޤުދުރަތީ ނިޒާމު ފަނާކުރުމުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްތަޤްބަލުގައިވެސް ރާއްޖެއަށްވާނީ އިތުރު ގެއްލުންކަން މަނިކުފާނަށާއި ތިޔަ މަޖިލިހަށް ރަނގަޅަށް އެނގޭނެކަމަށް ބުނެފައިވެއެވެ. އަދި އެގެއްލުން ތަކުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ފޯރުކުރާނީ ބޮޑު ދަރަނިތަކެއް އުފުއްލުމުގެ ތަކުލީފުކަމުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށްޓާއި އިޤްތިޟާދުގެ ހާލަތު އިތުރަށް ހީނަރު ވިޔަނުދިނުމަށް، އަދުގެ ބަދަލުވެފައިވާ ހާލަތަށް އިޖާބަދީ، ގުޅީފަޅު ފަދަ ތިމާވެށްޓަށް ގެއްލުންބޮޑު އެންމެހާ މަޝްރޫޢުތައް ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ތިޔަ މަޖިލިހުގެ ޒިންމާއެއް ކަމަށް ދެކެމެވެ. އަދި ތިޔަ މަޖިލިހުން އިސްނަގައިގެން މި ނާޒުކު ފައްތަރުގައި މިހާރުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ޒިންމާ އުފުލުމަށް ގޮވާލަމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.