ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މެނުވީ އިޤުތިޞާދެއްގެ ބޭނުމެއް ނެތް ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ބުނަމުންދާ ސިޔާސީ ގިނަ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަންދޫބުން ކަމަށާއި، އޭގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީވެސް ރައްޔިތުންގެ މަޖިލިސްގެ ތެރޭގައި ކަމަށެވެ. އެހެންވީމަ އެ ބޭފުޅުން ދައްކަވާ ވާހަކަތައް ވެސް އަޑުއަހަން ޖެހޭ ކަމަށެވެ. އަދި އެބޭފުޅުން އެ ފާޅުކުރަށް ވަނީ ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަމުގައި ލަފާ ދެއްވަނީ ޑޮކްޓަރުން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
" އަޅުގަނޑަށް ހީވަނީ މިކަމުގައި ވިސްނުމުގައި ތަފާތެއް ބައެއް ބޭފުޅުން މެދުގައި އެބައުޅޭ، ވަކި ސިޔާސީ ޕާޓީއަކަށް ވާތީއެއްނޫން ، އެހެންކަމުން މިކަމުގައި އެއްކޮޅުން ވިސްނާއިރު ބޯޑަރުތައް ހުޅުވާށޭ އިޤުތިޞާދު އެބަ ހަލާކުވެޔޭ ނުވަތަ އިޤުތިޞާދު އާރާސްތު ކުރުމަށް ފައިސާ ހޯދަން ޖެހޭ ގޮތްތައް ހޯދަން ޖެހެއޭ، އަދި ރައްޔިތުންނަށް އެތައް އުނދަގުލެއް އިޤުތިޞާދު ހަލާކުވަމުން ދާއިރު ކުރިމަތިވެއޭ، އަޅުގަނޑުމެން ވަރަށް ސާފުކޮށް ފެށުނީއްސުރެ ބުނަމުން މިއަންނަ ވާހަކައަކީ އިޤުތިޞާދެއްގެ ބޭނުމެއް ނެތް ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ރައްޔިތުންގެ ސަލާމަތަށް މެނުވީ " މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ދިވެހިރައްޔިތުން ސަލާމަތާއި ރައްކާތެރިކަމުގައި ނެތިތިބެ، އިޤުތިޞާދެއްގެ ބޭނުމެއް ނުވިސްނޭކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެހެންވީމަ އަޅާ ހުރިހާ ފިޔަވަޅެއް އަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަނި ކަމަށާއި އޭގެ ބާކީ އޮތް ޖާގަ މި ބޭނުން ކުރަނީ ކަންކަން ފަސޭހަކޮށް ދިނުމަށާއި އިޤުތިޞާދަށް ކަމަށާއި އަދި ސަރުކާރު މި ވަގުތު އޮޕަރޭޓް ކުރަމުން ދާނީ އެގޮތަށްކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
ހިންމަފުށިން ކޯވިޑަށް ޓެސްޓު ކުރުމަށް ނެގި 156 ސާމްޕަލް ނެގެޓިވްވެފައި ވާކަމަށް މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ ހާމަ ކުރަށްވާފައެވެ. އަދި ވިލިމާލޭގެ ޑިޓެންޝަން ސެންޓަރުން ދެ މީހަކު ޕޮޒިޓިވްވެފައިވާކަމަށާއި، އޭގެ ތެރޭގައި ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ތިބި ދެ މީހުން ތެރެއިން ވެންޓިލޭޓަރގައި އޮތް މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ބާރަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އަދި ކޯވިޑަށް ޕޮޒިޓިވްވި 20 ދުވަހުގެ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގިޓިވް ވެފައިވާ ކަމަށާއި، އެކުއްޖާގެ ތިންވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަށް އިތުރު ވެފައެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 86 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!