ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިންނެވެ.
މަޖިލީހުގެ ގަވައިދުގެ 210 (ށ) ގައި ބުނެފައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުގައި ތިއްބަވާ ބޭފުޅުން، އެ މަގާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ ކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިއުލާން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، މަޖިލީހުގައި އެކަމާ މެދު ބަހުސް ކުރުމަކާ ނުލައި، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުއްވަން ވާނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ރައީސަކީ އައިމިނަތު އީނާސް އެވެ. އަދި ނައިބު ރައީސަކީ މުހައްމަދު ޒާހިދެވެ. އެ ކޮމިޝަންގެ އިތުރު މެންބަރުންގެ ގޮތުގައި ތިއްބަވަނީ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އާއި އައިޝަތު އަފިރީން މުހައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!