ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ދެ ކުންފުންޏަކުން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓްތަކެއްގައި ވަނީ އެ ޤައުމުގެ ދެ ކުންފުންޏަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ.

Ad
rt

އެގޮތުން ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.

ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަންނަނީ 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ޗައިނާ ސަފީރު އެންމެ ފަހުން ލަފާކުރައްވާފައިވާ ދުވަހަކީ (18 މެއި 2020) މާދަމާއެވެ. ޗައިނާ ސަފީރު މި މޭމަހުގެ 6 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގައި ހަދައިދޭ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން މި ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނައިރު، މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ، ކޯވިޑާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.