ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތަށް، ލޯނަށް އެދުމަށް ހުށަހެޅި އެޕްލިކޭޝަންތައް މިހާރު ރިޖެކްޓުކޮށްފައި ވިޔަސް ޝަރުތު ތަކަކާއިއެކު އިތުރު ފުރުޝަތެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ލޯނަށް އެެދި ހުޅުވާލި ފުރުސަތުގައި ވަޒީފާއިން މުވައްޒަފުން ވަކިކޮށް، މުސާރަ އުނިކޮށް ނުވަތަ މުސާރަ ނުހިނގާ ގޮތައް ޗުއްޓީއަށް ދާން މަޖުބޫރު ކުރި ބައެއް ކުންފުނިތަކުގެ ލޯން އެޕްލިކޭޝަންތައް ކުރިން 'ރިޖެކްޓް' ކުރަމުން އައި ނަމަވެސް އެފަރާތްތަކަށްވެސް މިހާރު އިތުރު ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
"އެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި، ސަސްޕެންޑުކުރި ނުވަތަ މުސާރަ ދަށްކުރި މުވައްޒަފުންގެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދޭގޮތަށް ހަމަޖައްސަފިނަމަ އެ ކުންފުންޏަށް ނުވަތަ ވިޔަފާރިއަށް ލޯނަށް ޝަރުތުހަމަވާނެ ކަމަށް މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިކަމާ ގުޅޭ ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރ މިއަދު އާންމު ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ ސަޕޯޓެއްގެ ގޮތުން ކުރިން ދޭން ނިންމާފައިވާ 18،000 ރުފިޔާ މިހާރު 30،000 ރުފިޔާއަށް އިތުރު ކުރަން ނިންމާފައިވާކަމަށާއި، އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ މިހާތަނަށް އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެސްޑީއެފްސީ އިން މިހާތަނަށް 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!