ހއ. ދިއްދޫގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ އަތޮޅު ދޮނަކުޅި ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ.

ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ އައިލެންޑް ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ، ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށާއި، އެ މީހުން ބެލެހެއްޓުމުގައި އެހީތެރިވާ މީހުންނަށް އެ ކްލަބުން މިއަދު ދިން ރޯދަ ވީއްލުން ދީފައި ވަނީ އެ ކްލަބް ނިސްބަތްވާ ދިއްދޫ ރައްޔިތުންގެ ނަމުގައިއެވެ.

Ad
rt

އެކުލަބުން ބުނީ ދޮނަކުޅީ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް އެހީތެރިވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި އެ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.

މިހާލަތުގައި ކަރަންޓީނު ފެސިލިޓީގައި ޤައުމީ އަދި އިންސާނީ ޚިދުމަތުގައި ތިބި އެންމެހާ މަދަދުވެރިންނަށް ހިތްވަރުދީ، ހެޔޮދުޢާ ކުރާ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން ވަނީ ދިއްދޫގެ މުއައްސަސާތަކަށާއި، ފިހާރަތަކަށް މި ހާލަތުގައި ބޭނުން ވާނޭ ބަައެއް އާލާތް ފޯރުކޮށް ދީފައެވެ.

މިގޮތުން އެރަށުގެ ހުރިހާ ފިހާރަތައްކަށް އެ ކްލަބުން ވަނީ ފޮތި މާސްކު ހަދިޔާކޮށްފައެވެ. އަދި އެރަށުގައި ގާއިމުވެ ތިއްބަވާ ފުލުހުންނަށްވެސް އެ ކްލަބުން ވަނީ ފޮތި ފޭސް މާސްކު ހަދިޔާކޮށްފައެވެ. އެ ކްލަބުން ބުނީ އެރަށުގެ ފިހާރަތަކަށާއި، ފުލުހުންނަށް 200 އެއްހާ ފޮތި ފޭސް މާސްކު ހަދިޔާކޮށްފައި ވާނޭ ކަމަށެވެ.

އޭގެ އިތުރުން އެ ކްލަބުން ވަނީ އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް 200 ސާޖިކަލް މާސްކާއި، 200 އަންގިވެސް ހަދިޔާ ކޮށްފައެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އަންނަނީ އެރަށު ކައުންސިލުން އުފައްދާފައިވާ ދިއްދޫ ކޯވިޑް-19 އިމަރޖެންސީ އޮޕޭޝަން ސެންޓަރުގެ މަސައްކަތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

އެ ކްލަބުން ވަނީ ކޯވިޑާއި ގުޅިގެން އެ ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށުގެ ހުރިހާ މިސްކިތެއްގައި އަތް ދޮންނަ ސައިބޯނި ފުޅި ބަހައްޓައިފައެވެ.

އޭގެ އިތުރުންވެސް އެ ކްލަބުން އަންނަނީ އެރަށުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކި ދުވަސްތައް ފާހަގަ ކުރުމާއި، ހިލޭ ސާބަހަށް ރަށުގެ ބައެއް އިޖުތިމާއީ މަސައްކަތްތައް ކޮށް ދިނުން ފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކްލަބެކެވެ.

ދޮނަކުޅި ކަރަންޓީނު ފެސިލިޓީއަކީ އުތުރުން ކޯވިޑް-19 ގެ ބަލި މީހުން މިހާރު ބައިތިއްބާފައި ތިބި ކަރަންޓީނު ފެސިލިޓީއެވެ. އޭގެ އިތުރުން އުތުރުން ހޮނޑާފުށި ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއަކަށް ހަމަޖައްސާފައި ވާކަން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެފައެވެ.