ޓޫއަރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓް ހެކްކޮށް ސަރުކާރަށް އިންޒާރުތަކެއްދީ ޓްވީޓްތަކެއް ކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، ޓުއަރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

Ad
rt

އެ މިނިސްޓްރީގެ ޓުވީޓާ އެކައުންޓްގެ އިތުރުން، އެ މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޕޭޖްވެސް ހެކުކޮށް، މެސެޖުތަކެއް ޕޯސްޓް ކުރިއެވެ. ނަމަވެސް މިހާރު އެ ޕޯސްޓްތައް ހުރީ ޑިލީޓް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކުރިއިރު، ދާދި ފަހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރުތަކެއްދޭ ވީޑިއޯ ވެސް ސައިޓަށް ލައިފައެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފްރަންޓްލައިނުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން މިރޭ ފުޅާ ދާއިރާއެއްގައި ސައިބާ އެޓޭކުތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.