ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ.

Ad
rt

އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުން ކަމަށެވެ.

އެޗްޕީއޭއިން މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގާފައިވާ ކަން އެރަށަށް އަންގާފައި ވަނީ 13 މޭ 2020 ވަނަ ދުވަހުގެ ރޭ 23:22 ގައެވެ.

އެރަށް މޮނިޓަރިން ހާލަތުން ނެގުމުން އެރަށު ސިއްހީ މަރުކަޒުން ބުނީ އެރަށް މޮނިޓަރިންގ ހާލަތުން ނެގި ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތީ ކޯވިޑް-19 އެންމެ ބާރުމިނެތްގައި ފެތުރޭ ދުވަސްވަރު ކަމަށްވާތީ، އެ މަރުކަޒުގެ އިލްތިމާސްއަކީ ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކުރުމާއި، ޒަރޫރީ ބޭނުމެއްގައި ނިކުންނަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނިކުތުމަށާއި، ކަމާއިބެހޭ އިދާރާތަކުންދޭ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އަމަލުކުރުން ކަމަށެވެ.

އެޗްޕީއޭއިން މިލަންދޫ މޮނިޓަރިންގ ހާލަތުން ނެގިއިރު އެރަށަށް ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި 5 މީހުން ތެރެއިން އެކަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ބާކީ ހަތަރު މީހުންގެ ސާމްޕަލް ޑަބަލް ޗެކު ކޮށްފައިވާ އިރު އެ 4 މީހުންގެ ސާމްޕަލްތައްވެސް ވަނީ ނެގެޓިވް ވެފައެވެ.

އަމާޒު ބޯޓުން ދަތުރު ކުރި 12 މީހެއް ވަނީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މިލަންދޫ މީހާގެ އިތުރުން އެ އަތޮޅު ނަރުދޫ 11 މީހެކެވެ.

ރާއްޖެއިން ކޯވިޑަށް މިހާތަނަށް 955 މީހުން ޕޮޒިޓިވް ވެފައިވާއިރު އެބަލިން 40 މީހަކު ރަނގަޅުވެ، 4 މީހުން ވަނީ އެބަލީގައި މިރުވެފައެވެ.