މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި ވަނިކޮށް މާލެއިން ބޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލިސްގެ ދެ މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މާލެ ވަޑައިގެންފައިވާ ކަމަށް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ތުހުމަތު ކުރަށްވައިފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގައި ސަނީފް ތުހުމަތުކުރެއްވީ ސަނީފް ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް ދެ މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވައި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ސަނީފު ތުހުމަތު ކުރެއްވި ދެ މެމްބަރުންނަކީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ.
އިއްޔެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީގެ ބައްދަލުމުގައި ކުރިއަށް ދިޔައީ ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު ފުރަބަންދު މުއްދަތުގައި މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތް މައްސަލަ ދިރާސާކުރުމެވެ.
އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މެމްބަރު ސިރާޖު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ، ރިޔާޒު މާލެ އަންނަން ހުއްދަ ދީފައިވޭތޯ އާއި، ދީފައި ވާނަމަ އެއީ ކޮން ސަބަބެއްގައިތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރިޔާޒުގެ ސުލޫކާ ބެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެމައްސަލައާއި ގުޅިގެން މިއަދު މަޖިލިސްގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ވަނީ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެން ކަަމަށާއި، އެހެންކަމުން މިކަމުގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިއެވެ.
މިމައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވިދާޅުވީ މެމްބަރު ރިޔާޒު މާލެ ވަޑައިގައިތީ ހުއްދަ ހޯއްދަވައިގެން ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް ނުލިބޭ ހުއްދައެއް ފުލުހުން ބައެއް ފަރާތްތަކަށް ދޫކުރާ އުސޫލު ސާފު ނުވާ ކަމަށެވެ.
ސަނީފް ވިދާޅުވީ އެ އުސޫލުގެ ދަށުން ރިޔާޒް މާލެ ވަޑައިގަތުމާއެކު، މެމްބަރު މުޣުނީ އާއި މެމްބަރު ފިރުޝާން މަގާމުގެ ނުފޫޒު ބޭނުންކުރައްވައި، "އެމްސީ" އަށް ގުޅުއްވައިގެން މާލެ ވަޑައިގެންފައިވާ ކަަމަށެވެ. އެ ވާކަހަކަ އެ ގޮތަށް ސަނީފް ވިދާޅުވަނީ އެކަން އެނގިހުރެ ކަމަށާއި، އެ ދެމެމްބަރުން [މުޣުނީ އާއި ފިރުޝާން] މާލެ ވަޑައިގަތީ، އެބޭފުޅުން ވެސް އަންނަން ބޭނުންވެގެން މަސައްކަތް ކޮށްކޮށް ތިއްބައި މެމްބަރު ރިޔާޒަށް ފުރުސަތު ދިނުމުން، އެމްސީއާ ހަމައަށް ފޯނުކޮށް، ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ މާލެ ސިޓީ ފުރަބަންދު ކުރުމުން، އެ ދެ މެމްބަރުން މާލެ އައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ވެސް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އޭރު އެކަން ހަމަނުޖެހުނު ކަމަށެވެ. އެއަށް ފަހު އެ ދެމެމްބަރުން މާލެ ވަޑައިގަތީ ނުފޫޒު ބޭނުން ކޮށްގެން ކަމަށް ސަނީފު ވިދާޅުވި ވިދާޅުވުން ވަނީ ތަކުރާރު ކުރަށްވާފައިއެވެ.
މާލެ ފުރަބަންދުގެ ހާލަތުގައި މާލެއަށް އައުމަށާއި، މާލެއިން އަތޮޅުތަކަށް ދިޔުމަށް ގިނަ ބަޔަކު ތިބީ ބެނުންވެފައެވެ. މިގޮތުން މާލޭގައި ތާށިވެ ރަށްރަށް ދިއުމަށް 5000 ވުރެ ގިނަމީހުން ރަޖިސްޓްރީވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި ސިއްޙީ ބޭނުންތަކަށް މާލެއައިސް ރަށަށް ނުދެވިތިބި 1444 މީހުންނާއި، ރިސޯޓްތައް ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދިއުމަށް ބޭނުންވެ މާލެ އައިސްތިބި 363 މީހަކާއި، އާމްދަނީއަށް އަސަރުކުރުމާއި އެހެނިހެން ސަބަބުތަކާއި ގުޅިގެން ރަށަށް ދާން ރަޖިސްޓްރީކުރި 3258 މީހުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!