ކޯވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ މީހާ މަރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ މީހާ މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި ހަތަރުވަނަ މީހާއެވެ.

Ad
rt

ކޯވިޑް ޖެހިގެން މީގެ ކުރިން މަރުވީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ. އަދި މި ބަލިން ރާއްޖެއިން މިހާތަނަށް 40 މީހުން ވަނީ ރަނގަޅުވެފައެވެ.