ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ ރައްޔިތުން ތެރެއިން ރަށްރަށަށް ފޮނުވަން ފުރަތަމަ ކަނޑައެޅި މީހުންގެ ލިސްޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އާންމު ކޮށްފިއެވެ.

އެލިސްޓް ހާމަކުރަމުން އެލްޖީއޭއިން ބުނެފައިވަނީ މާލެ ސަރަޙައްދުގައި ޤާއިމްކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ރޫމު ކަމަށާއި، މި ޖާގައަށް އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށްވެސްވަނީ އަދަދުތަކެއް ކަނޑައަޅައި އެ އަދަދުތައް އަތޮޅު ކައުންސިލްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

Ad
rt

ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިސްކަންދޭ ތަރުތީބު ފާހަގަކޮށް، ލިސްޓުގައި މިހާރު ތިބި ފަރާތްތަކަށް ވުރެ ހާލަތު ދައްކަމަށް ފާހަގަކުރެވިފައިވާ ފަރާތެއްވާނަމަ، އެފަރާތްތަކަށް ހިމަނައިގެން ލިސްޓް ތަރުތީބުކުރުމަށް ފަހު ލިސްޓް އެއޮތޯރިޓީއަށް ފޮނުވުމަށް އަތޮޅު ކައުންސިލްތަކަށްވާނީ ދަންނަވާފައިވާ ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭއިން ބުނީ މި ވަގުތު ކަރަންޓީން ފެސިލިޓީ ހުރި ނިސްބަތަށް ބަލައި މީހުން ފޮނުވުމުގެ ކަންކަން ކުރިޔަށްދާނީ ކައުންސިލުން ފޮނުވާ ލިސްޓުން އިސްކަންދޭ ތަރުތީބަށް ބަލައިންގެން ކަމަށެވެ.

މިލިސްޓްގައި ހިމެނޭނީ ކައުންސިލްތަކަށާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސްއަށް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރަށަށް ދިޔުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯސަލް ސާރވިސަސްއިން ގެޒެޓްކޮށްފައިވާ މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބުގެ ތެރެއިން ތިރީގައިވާ ކަންކަމަކަށް ބަލައިގެން ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

  • އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެން.އެސް.ޕީ.އޭ) ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މަލޭއައިސް އެބުރި ރަށަށް ނުފުރުފައިވާ ފަރާތްތައް.
  • ޢުމުރުން 5 (ފަހެއް) އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް ނުވަތަ ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، ޢާއިލާގެ މީހުން.
  • ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.
  • ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް.
  • ބޭސް ފަރުވާއަށް ނުވުތު އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
  • ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 (ސާދަ) ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.
  • ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.

މާލެއިން ރަށްރަށް މީހުން ގެންދިއުމުގެ ފުރުޞަތު ދެމުންދަނީ ޖެންޑަރ މިނިސްޓްރީން ޢާންމުކޮށްފައިވާ އުސޫލުގައި އިސްކަންދީފައިވާ ތަރުތީބުން ކަމަށް، މާލެ ފުރަބަންދު ކުރުމުގެ ސަބަބުން އަމިއްލަ ރަށަށް ނުދެވި ތާށިވެފައިތިބި މީހުންނާއި، އަތޮޅުތަކުގައި މާލެ ނާދެވި ތާށިވެފައިތިބި މީހުންނަށް އަމިއްލަ ރަށަށް ދެވޭނެގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހްމަދު ވަނީ އިއްޔެ ވިދާޅުވެފައިއެވެ.

އެގޮތުން އެންމެ އިސްކަމެއްދެނީ ވަގުތީ ގޮތުން މާލެއައިސް މާލޭގައި ރަށަށް ނުދެވިފައި ތިބި މީހުންނަށްކަމަށާއި، ނަމަވެސް ރަށަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންމެނަށްވެސް ކަރަންޓީން މުއްދަތު ހަމަކޮށްގެން ރަށަށް ދެވޭނެ އަވަސް އިންތިޒާމް ހަމަޖައްސަމުން ގެންދަވާކަމަށް އާދަމް ޝަރީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މާލޭގައި ތާށިވެ ރަށްރަށް ދިއުމަށް 5000 ވުރެ ގިނަމީހުން ރަޖިސްޓްރީވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި ސިއްޙީ ބޭނުންތަކަށް މާލެއައިސް ރަށަށް ނުދެވިތިބި 1444 މީހުންނާއި، ރިސޯޓްތައް ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދިއުމަށް ބޭނުންވެ މާލެ އައިސްތިބި 363 މީހަކާއި، އާމްދަނީއަށް އަސަރުކުރުމާއި އެހެނިހެން ސަބަބުތަކާއި ގުޅިގެން ރަށަށް ދާން ރަޖިސްޓްރީކުރި 3258 މީހުން ހިމެނެއެވެ.