އަޅުގަނަޑުމެން އިންސާނުންނަށް ހިތާމައާ ހިތްދަތިކަން ލިބޭވަގުތު ނުވަތަ ބޭނުންވާކަމެއް ކުރަން އުޅެނުވާ ފަހަރު ތަކުގައި، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އެކަން ހިއްސާކުރުމާއި ޝަކުވާ ކުރުމަކީ ޢާއްމުކަމެވެ. އެގޮތަށް ޝަކުވާ ކުރުމުގެ ބަދަލުގައި، ﷲ އަށް އެޝަކުވާ ދެންނެވުން މުހިންމެވެ. އަދި އިންސާނުންނަށް ދިމާވާކަންތައްތަކުގައި ﷲ އަށް ދެންނެވުމަށް، އެކަލާނގެވަނީ އަންގަވާފެއެވެ.

ﷲ ތަޢާލާ البقرة ސޫރަތުގެ 186. ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.

Ad
rt

(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) މާނައީ:

"އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".

ޢިލްމުވެރިން ވިދާޅުވަނީ އަރަބި ބަސް ނޭނގޭ މީހަކަށް، އެމީހަކު ބޭނުވާ އެމީހަކަސް އެނގޭ ބަހަކުން ދެންނެވިޔަސް ރަނގަޅުވާނެކަމަށެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ދީނުގައި އަދަބުތަކެއް ކަނޑައަޅުއްވަފައިވާއިރު، ދުޢާކުރުމުގައިވެސް އަދަބުތަކެއް ވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެ އަދަބުތަކުގެ ތެރެއިން ބައެއް ކަންތައް ތިރީގައި އެވަނީއެވެ.

  • ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް ﷲއަށް ކިޔަމަންތެރިކަން އަދާކުރާ މީހަކަމުގައިވުން.
  • ގިބްލަ އަށް ކުރިމަތިލުން.
  • ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން.
  • ދުޢާ ކުރުމުގެ ކުރިން ﷲ އަށް ޘަނާ ދެންނެވުން.
  • ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުން. ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ""ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ".
  • ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުން.
  • ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން.
  • ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުން.
  • ދުޢާ ކުރާ އިރުގައި ހިތާއި އެކު ދުޢާ ކުރުން.
  • ގިނަގިނައިން ތަކުރާރުކޮށް ދެންނެވުން.
  • ތަކުރާރުކޮށް ތިންފަހަރު ދެންނެވުން.
  • ތަވާޟުޢުވެރިކަމާއި، ބިރުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން.
  • ކައިއުޅޭ ކާނާއާއި ލައިއުޅޭ ފޭރާމަކީ ޙަލާލު ރަގަޅު ތަކެތި ކަމުގައި ހެދުން.
  • އަޑުހަރުކުރުމާއި ނުލައި، މަޑުމަޑުން ދުޢާ ކުރުން.

އަޅުގަނޑުމެންނަކީ ދިމާވާ ކަންތައްތަކުގައި މާޔޫސްވެ، މީހުންގެ ކައިރީގައި ޝަކުވާ ކުރުމުގެ ބަދަލުގައި، ހެއްދެވީ ޚާލިޤުވަންތަ ﷲ އަށް ޝަކުވާ ދަންނަވާ ދުޢާ ކުރާ ބަޔަކުކަމުގައި ވަމާހިނގާށެވެ. އޭރުން ކަންތައްތައް ފާސޭހަކަމާއެކު ޙައްލުވުމަށް މަގުތަނަވަސް ވެގެން ދާނެކަން ކަށަވަރެވެ.